ހަބަރު

ބީއެމްއެލްގެ ހޯމް ލޯނު ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތައް ގެނެސްފި

Apr 21, 2015

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހޯމް ލޯނު ދޫކުރުމުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތައް ގެނެސްފި އެވެ.

ދިވެހި ބޭންކުން ބުނީ އެ ބަދަލު ގެނައީ ލޯނުގެ ފުރުސަތު ގިނަ ކަސްޓަމަރުންނަށް ހޯދައިދިނުމަށާއި ފުޅާ ދާއިރާއެއްގައި ގެދޮރު ގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

ބީއެމްއެލްއިން ގެނައި މި ބަދަލާއެކު ހޯމް ލޯން މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކުން ފްލެޓާއި އެޕާޓްމަންޓާއި ރޯ ހަައުސް ނުވަތަ ސިންގަލް ޔުނިޓް ކޮންޑޮމީނިއަމް އެޕާޓްމަންޓެއް ގަތުމަށް ނުވަތަ އެފަދަ ތަނެއް ގަތުމަށް މިހާރު ނަގާފައިވާ ލޯނު ބީއެމްއެލްއަށް ބަދަލުކުރުމުގެ ފުރުސަތު ލިބެއެވެ.

މިހާތަނަށް ހޯމް ލޯން ދޫކުރަމުން އައީ ހަމައެކަނި މާލެ ނުވަތަ ހުޅުމާލޭއިން ގެދޮރު ގަތުމަށެވެ.

ބީއެމްއެލް އިން ބުނީ މީގެ ކުރިން މާލެ އާއި ހުޅުމާލޭގައި އަމިއްލަ ނަމުގައި ގެދޮރު ހުރި ފަރާތްތަކަށް ހޯމް ލޯނަށް އެދި ހުށަނޭޅުނުކަމުގައި ވީ ނަމަވެސް އާ ބަދަލުތަކާއެކު އަމިއްލަ ނަމުގައި ގެއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްވެސް ހޯމް ލޯނަށް އެދެވޭނެ ކަމަށެވެ. އަދި ހޯމް ލޯނު މެދުވެރިކޮށް 15 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑު ތަނެއް ނުގަނެވޭނެ ގޮތަށް ކުރިން އޮތް ނަމަވެސް މިހާރު ހޯމް ލޯން މެދުވެރިކޮށް ކޮންމެ އަގެއްގައި ހުރި ތަނެއް ގަނެވޭނެ ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ޚިދުމަތްދިނުމަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން  އަޅުގަނޑުމެންގެ ޒިންމާއެއް. މިއަދު މި ގެނެވުނު ބަދަލާއެކު ރާއްޖޭގެ ކޮންމެ ތަނެއްގައި ކޮންމެ އަގެއްގައި  ހުރި ގެއެއްވެސް ގަތުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައި. ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭގޮތަށް އަޅުގަނޑުމެންގެ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަން ގެންނަމުންދާނަން." ބޭންކުގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.   

ބީއެމްއެލް ހޯމް  ލޯން ޚަލާސްކުރުމަށް 20 އަހަރުގެ މުއްދަތެއް ލިބޭއިރު މިއީ ރާއްޖޭގައި ލޯނެއް ޚަލާސްކުރަން ދެވޭ އެންމެ ދިގު މުއްދަތެވެ.