ބޮލީވުޑް

ސަންޖޭއަށް ވިސާ ނުލިބޭތީ "މުންނާ ބާއީ ޗަލޭ އެމެރިކާ" ހުއްޓިފައި

Sep 11, 2017

ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު މަޝްހޫރު އެކްޓަރު ސަންޖޭ ދަތު އެނބުރި އައިސް ކުޅުނު ފުރަތަމަ ފިލްމު "ބޫމީ" ޕްރޮމޯޓްު ކުރުމުގެ މަސައްކަތް އޭނާ ވަނީ ފަށާފަ އެވެ.

ފިލްމު ޕްރޮމޯޓް ކުރަން ހޮނިހިރު ދުވަހު ބޭއްވި އިވެންޓެއްގައި އޭނާ ކުޅެފައިވާ އެންމެ ކާމިޔާބު ކޮމެޑީ ސިލްސިލާ ފިލްމު "މުންނާ ބާއީ" ގެ ތިން ވަނަ ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ވަނީ އެ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ސަންޖޭ އާއެކު އަރްޝަދް ވާސީ ލީޑްރޯލުން ފެނިގެންދާ "މުންނާ ބާއީ" ސިލްސިލާގެ ތިން ވަނަ ފިލްމެއްގެ ގޮތުގައި ކުރިން އުފައްދާ ގޮތަށް ހަމަޖެހިފައި އޮތީ "މުންނާ ބާއީ ޗަލޭ އެމެރިކާ" އެވެ. މީގެ އަހަރުތަކެއް ކުރިން ވަނީ އެ ފިލްމުގެ ޓީޒާއެއް ވެސް ނެރެފަ އެވެ.

"މުންނާ ބާއީ 3" އަކީ "މުންނާ ބާއީ ޗަލޭ އެމެރިކާ" ތޯ ނޫސްވެރިން އެހުމުން ސަންޖޭ ވަނީ އޭނާ އަށް އެމެރިކާއިން ވިސާ ނުލިބޭނެތީ އެ ފިލްމު އުފައްދާނެހެން ހީނުވާ ކަމަށް ބުނެފަ އެވެ.

"އަހަންނަށް ވިސާ ނުލިބޭތީ އެ ފިލްމެއް ނު އުފެއްދޭން. އެންމެފަހުން އަހަންނާ ޑައިރެކްޓަރު ހިރާނީ އާއި ޕްރޮޑިއުސަރު ވިނޯދާ ވާހަކަދެވުނުއިރު އާ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް އެމީހުން ކުރަމުން އަންނަނީ،" ސަންޖޭ ބުނެފައިވެ އެވެ.

ސަންޖޭ އިތުރަށް ވަނީ އޭނާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތް ހިރާނީ ކުރަމުން އަންނާތީ ފުލް ސްޕީޑުގައި "މުންނާ ބާއީ 3" ގެ މަސައްކަތް ކުރިއަށްދާނީ އެ ފިލްމުގެ މަސައްކަތް ނިމުމުން ކަމަށް ބުނެފަ އެވެ. އަދި ހުރިހާ ކަމެއް ޝެޑިއުލާ އެއްގޮތަށް ދާނަމަ އަންނަ އަހަރުގެ ތެރޭގައި ފިލްމު ރިލީޒްކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"މުންނާ ބާއީ" ގެ ތިން ވަނަ ފިލްމާ ބެހޭގޮތުން ސަންޖޭ ދެއްކި ވާހަކަތަކުން ޔަގީންވާ ކަމަކީ އެ ފިލްމު އުފައްދަނީ މުޅިން ތަފާތު އާ ވާހަކައެއްގެ މައްޗަށް ކަމަށެވެ.

"ތްރީ އިޑިއަޓްސް" އާއި "ޕީކޭ" ފަދަ ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ހިރާނީ މި ސިލްސިލާގައި ދެން ވެސް އުފައްދާ ފިލްމެއް ކާމިޔާބު ވާނެ ކަމާ މެދު އެއްވެސް ބަޔަކު ޝައްކެއްނުކުރެ އެވެ.

ސަންޖޭ ޖަލުން މިނިވަންވި ފަހުން އަލުން ފިލްމު ކުޅެން ފަށާފައިވާއިރު، އޭނާ އަށް އަންނަނީ ގިނަ ފިލްމުތަކަކުން ފުރުސަތު ލިބެމުންނެވެ. އޭނާ ޖަލުން މިނިވަން ވެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.