ހެޕީ މާކެޓް

ހެޕީ މާކެޓުގެ މެލޭ ބިހަށް ބޮޑު ތަރުހީބެއް!

ހެޕީ މާކެޓުން ރާއްޖެއަށް އެތެރެކޮށް ވިއްކާ ކުކުޅު ބިހަށް ބޮޑު ޑިމާންޑެއް އުފެދިފައިވާ ކަމަށާ، އެ ކުންފުނިން ކުކުޅު ބިސް އެތެރެ ކުރަނީ މެލޭޝިޔާ އާއި ޔޫކްޔެއިންއިން ކަމަށް ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން ހެޕީ މާކެޓުގެ މެނޭޖަރު ކެޕްޓަން އަލީ އިހުސާން ވިދާޅުވީ އެ ކުންފުނިން ރާއްޖެއަށް ބިސް އެތެރެ ކުރަނީ މެލޭޝިޔާ އިން ކަމަށާ، ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން އެތެރެކުރާ ހުދު ބިހަށް އާއްމުންގެ ބޮޑު ޑިމާންޑެއް އޮވޭ. މީގެ އިތުރުން މިދިޔަ މަހު މިވަނީ ބްރައުން ބިސް ވެސް އެތެރެ ކުރަން ފަށާފައި. މި ބާވަތުގެ ބިސް ގިނަ އިން ގެންދަނީ ރިސޯޓުތަކަށް. ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް،" އިހުސާން ވިދާޅުވި އެވެ.

ރާއްޖެ އަށް ނެދަލޭންޑްސް އާއި ބެލްޖިއަމް އަދި ޖަރުމަނުގެ އިތުރުން ފަރަންސޭސި ވިލާތުން އެތެރެކޮށްފައިވާ ކުކުޅު ބިހުގައި "ފިޕްރޯނިލް ޕެސްޓި ސައިޑު" ހުރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދާދިފަހުން ވަނީ ބުނެފަ އެވެ. އަދި މި މާއްދާ ހުރުމުން މި ގައުމުތަކުން އެތެރެކޮށްފައިވާ ބިސްތަކެއް ވަނީ ނައްތާލާފަ އެވެ.

އިހުސާން ވިދާޅުވީ ކުކުޅު ބިހުގައި މައްސަލަ އުޅޭ ކަމަށް އަޑު ފެތުރުމާއެކު، އެ ކުންފުނިން އެތެރެކުރާ ބިސް ވެސް ގެންގޮސް ޓެސްޓް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބިސް މި އެތެރެކުރަނީ އެ ގައުމުތަކަކުން [ނެދަލޭންޑްސް އާއި ބެލްޖިއަމް އަދި ޖަރުމަނުގެ އިތުރުން ފަރަންސޭސި ވިލާތް] ނޫން. އެކަމަކު އެމްއެފްޑީ އަށް ގެންގޮސް ޓެސްޓް ކޮށްފިން. އިރާދަ ކުރެއްވިއްޔާ އެއްވެސް މައްސަލައެއް ނެތް،" އިހުސާން ވިދާޅުވި އެވެ.

ރާއްޖެއަށް އާއްމުކޮށް ކުކުޅު ބިސް އެތެރެކުރަނީ އިންޑިޔާގެ ބައެއް ހިސާބުތަކުންނެވެ. ނަމަވެސް މިހާރު ބައެއް ކުންފުނިތަކުން އެހެން ގައުމުތަކުން ވެސް ބިސް އެތެރެ ކުރެ އެވެ.