ހަބަރު

ޑިމޮކްރަސީ ހަރުދަނާކުރުމަށް ބޭރުގެ ނުފޫޒާ ހެދި ހުރަސް އެޅޭ: ފޮރިން މިނިސްޓަރު

Apr 21, 2015
2

ދިވެހިރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަކު އެ މަސައްކަތަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުމަކީ ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޅޭ ހުރަހެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޖެނީވާގައި ކުރިއަށްދާ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ހައި ލެވެލް ސެގްމަންޓުގައި ރާއްޖޭގެ ފަރާތުން ދުންޔާ ދެއްކެވި ވާހަކައާ ހަވާލާދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރަސީގެ ފުރިހަމަ މަންފާ ލިބޭނީ ގާނޫނީ ވެރިކަން ދަމަހައްޓައިގެން ކަމަށެވެ. ޑިމޮކްރަސީ ދެމެހެއްޓުމަށް ގާނޫނު އަސާސީ ދަމަހައްޓަން ޖެހޭ ކަމަށާއި މިއީ ޑިމޮކްރަސީގެ އަސާސެެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ދުންޔާ ވިދާޅުވި އެވެ.

"...ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި ބޭރުުގެ ފަރާތްތަކުން ތަފާތު ގޮތްގޮތަށް ނުފޫޒު ފޯރުވުމަކީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅޭ ހުރަހެއް" ކަމަށް ދުންޔާ ވިދާޅުވި އެވެ. އެ ކަމަނާ ވިދާޅުވެފައި ވަނީ ޑިމޮކްރަސީ އަކީ އިންތިހާބުތަކުގައި ވޯޓުުލުން އެކަނި ނޫން ކަމަށެވެ.

ދުންޔާ ވިދާޅުވެފައިވާ ގޮތުގައި ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ސިޔާސީ، އިގްތިސާދީ އަދި މަދަނީ ރޮނގުން ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމާއި އެ ހައްގުތައް ފޯރުކޮށްދިނުމުގައި ކޮންމެ ސަރުކާރަކުން ވެސް ދެއްވާ އަހަންމިއްޔަތުކަމެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ދިވެހިންގެ ހައްގުތައް ރައްކާތެރިކޮށް ޑިމޮކްރަސީގެ އަސާސްތަކާއި ރުކުންތައް އިތުރަށް ހަރުދަނާކުރުމަށް ސާބިތުވެ ހުންނަވާނެ" ދުންޔާ ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ދުންޔާ ވަނީ އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ދިވެހިރާއްޖެ އިން ކުރިއެރުންތައް ހޯދާފައިވާ ކަމަށް ވިދާޅުވެފަ އެވެ.