ރިތިކް ރޯޝަން

"ސުޕަ 30" ރިތިކް ދޫކޮށްލީ ކަންގަނާއާ ހެދި؟

Sep 12, 2017

ސުޕަސްޓާ ރިތިކް ރޯޝަން ދެން އެންމެ އަވަހަށް ކުޅެން ފަށާނެ ފިލްމެއް ކަމަށް ބެލެވިފައި އޮތީ ވިކާސް ބަލް ޑައިރެކްޓް ކުރާ ބައޮޕިކް، "ސުޕާ 30" އެވެ.

ޕަޓްނާ އަށް ނިސްބަތްވާ މެތަމެޓީޝިއަން އާނަންދް ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމު ރިތިކް ކުޅޭކަން ގާތްގަނޑަކަށް އޮތީ ޔަގީންވެފަ އެވެ. މުމްބާއިގައި ހުންނަ ރިތިކްގެ ގޭގައި ވަނީ އާނަންދާ މިފަހުން ބައްދަލު ވެސް ކޮށްފަ އެވެ.

އެ ބައްދަލުވުމަށްފަހު ރިތިކް މި ފިލްމު ކުޅެން ސޮއިކުރީ ކަމަށް އަޑުފެތުރު ނަމަވެސް އޭނާ ވަނީ އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

"ސުޕަ 30" ގެ ސްކްރިޕްޓާ މެދު ރިތިކް ހިތްހަމަޖެހި ފިލްމުގެ ޑައިރެކްޓަރަށް ފެހި ސިގްނަލެއް ދީފައި އޮތް ނަމަވެސް ފިލްމުގެ އެންމެ ފަހުގެ ސްކްރިޕްޓާ މެދު ހިތްހަމަ ނުޖެހިގެން އޭނާ ފިލްމު ދޫކޮށްލާފައިވާ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

ސަބަބެއް ކަމަށް ވަނީ ސްކްރިޕްޓަށް ގެނައި ބަދަލުތަކާއި މެދު ރިތިކް ހިތްހަމަ ނުޖެހުން ކަމަށް ބުނެވުނު ނަމަވެސް އޭނާ ފިލްމު ދޫކޮށްލީ މި ފިލްމަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މިހާރު އެންމެ ބޮޑު ހަތުރު ބަތަލާ ކަންގަނާ ރަނާވަތުގެ ކެރިއަރުގެ ކުޅުނު އެންމެ ކާމިޔާބު ފިލްމު "ކުއީން" ވެސް ޑައިރެކްޓްކުރި ވިކާސްގެ ފިލްމަކަށް ވާތީވެ އެވެ.

ކަންގަނާ އާއި އޭނާ އާ ދެމެދު އޮންނަ ބޮޑު ކޯޅުން ގަނޑުގެ ވާހަކަ އަބަދުވެސް ދެކެވެމުން އަންނައިރު، އިތުރަށް އެ ދެމީހުން ވާހަކަތައް ދެެކެވޭކަށް ރިތިކް ބޭނުމެއް ނުވެ އެވެ.

ރިތިކް އާއި ކަންގަނާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2013 ވަނަ އަހަރު ނިކުތް "ކްރިޝް 3" ކުޅުނުއިރު އެވެ. އޭގެ އަހަރެއް ފަހުން އެ ދެތަރިން ވަނީ ރުޅިވެފަ އެވެ. މި ދެތަރިންގެ ދެމެދުގައި އެއްވެސް ގުޅުމެއް އޮތްކަން މީޑިއާތަކަށް ވެސް ނޭނގޭއިރު އެކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަންގަނާ އެވެ.

ފިލްމުގައި ފެނިގެންދާނީ މެތަމެޓިކްސް ޓީޗަރެއްގެ މަސައްކަތް ކުރަމުން އައި އަނަންދް ވަނީ އައިޓީ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ ކުދިންގެ ތެރެއިން މާލީ ހާލަތު ތަން ނުދޭތީ ނުކިޔެ ތިބި ކުދިންނަށް އޭނާ އުފެއްދި ޕްރޮގްރާމެކެވެ.

ޕަޓްނާގައި އޭނާ ފެށި މި ޕްރޮގްރާމް މެދުވެރިކޮށް އަނަންދް ކޮންމެ އަހަރަކު އިގްތިސާދީ ދާއިރާއިން ކިޔަވަން ބޭނުންވެ، އެކަމަކު ނަތީޖާ ދަށް ތިރީސް ކުއްޖަކު ހޮވައި އޭނާ އާއި އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ދޭ އިމްތިހާނަކަށް އެ ކުދިން ތައްޔާރުކުރެ އެވެ.