ބޮލީވުޑް

ޝްރަދާގެ މަތިން ހަނދާން ނައްތާލައި ފަރްހާން އާއި އަދިތްޔާ އެކުގައި ފިލްމަކުން

Sep 13, 2017

މަޝްހޫރު ދެ ތަރިން ކަމަށްވާ އަދިތްޔަ ރޯއި ކަޕޫރާއި ފަރްހާން އަހްތަރު ހަތުރުންނަށް ވީ އަދިތްޔަގެ ކުރީގެ ލޯބިވެރިޔާ ބަތަލާ ޝްރަދާ ކަޕޫރު މިދިޔަ އަހަރު ނިކުތް "ރޮކް އޮން 2" އިން އޭނާ އާއެކު ލީޑްރޯލުން ފެނިގެންދިޔަ ފަރްހާނާ ލޯބީގެ ގޮތުން ގުޅުނު ފަހުންނެވެ.

އެގޮތުން މިއަހަރުގެ ކުރީކޮޅު ނިކުތް "އޯކޭ ޖާނޫ" ގައި އަދިތްޔަ އާއި ޝްރަދާ މާ ގައިގޯޅިކޮށް ފެނިގެން ގޮސްފައިވާތީ އެކަމާ ޝްރަދާ އާއި ފަރްހާނާ ދެމެދު މައްސަލަތަކެއް ޖެހި، ފަރްހާނާ އަދިތްޔަ އާ ދެމެދު ވެސް އެކަމާ ގުޅިގެން ބަހުގެ ހަމަލާތަކެއް ބަދަލުވި ކަމުގެ ވާހަކަތައް ވަނީ ދެކެވިގެން ގޮސްފަ އެވެ.

ނަމަވެސް އަދިތްޔަ އާއެކު ނަގާފައިވާ ފޮޓޯއެއް ފަރްހާން ޓްވީޓްކުރުމާއެކު މި ދެތަރިންގެ ދެމެދުގައި އޮތް ރުޅިވެރިކަން ނިމުމަކަށް އައި ކަމުގެ ވާހަކަތައް ދެކެވެން ފެށި އެވެ.

މި ދެތަރިން ކުރެ އެއްވެސް ތަރިއަކާ އެކު ޝްރަދާގެ ލޯބީގެ ގުޅުމެއް އޮތް ކަމަށް އޭނާ އެއްބަސްނުވާއިރު އެ ދެމީހުން ވަނީ އެކުގައި ފިލްމެއް ކުޅެން ސޮއިކޮށްފަ އެވެ.

މޯހިތު ސުރީ ޑައިރެކްޓްކުރާ ބައްޕަ އާއި ފިރިހެން ދަރިފުޅުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުން ފެނިގެންދާ ފިލްމުގައި ލީޑްރޯލު ކުޅެން ފަރްހާން ކުރިން އޮތީ ހަމަޖައްސާފަ އެވެ. ނަމަވެސް މި ފިލްމަކީ ލީޑްރޯލުން ދެ ބަތަލުން ފެނިގެންދާ ފިލްމަކަށްވާތީ މޯހިތު ވަނީ އޭނާގެ އެންމެ ފެވަރިޓް އެއް ތަރި ކަމަށްވާ އަދިތްޔަ އަށް މި ފިލްމުގެ ދެވަނަ ލީޑްރޯލު ހުށަހަޅާފަ އެވެ.

"ދެވަނަ ލީޑަށް މޯހިތު ބޭނުންވީ ޒުވާން ތަރިއެއް. އަދިތްޔަ އަށް ފިލްމުގެ ސްކްރިޕްޓް ކިޔައިދިނުމުން އޭނާ އަށް ވަރަށް ކަމުދިޔަ އަދި ފިލްމު ކުޅެން ވަގުތުން އެއްބަސްވި،" ފިލްމުގެ ގާތްފަރާތަކުން ބުނެފައިވެ އެވެ.

އަދިތްޔަގެ ކެރިއަރުގައި ކުޅުނު އެންމެ ކާމިޔާބު ފިލްމު "އާޝިގީ 2" ވެސް ޑައިރެކްޓްކޮށްފައިވަނީ މޯހިތެވެ.

ބުނެވޭ ގޮތުގައި އަދިތްޔަ މި ފިލްްމު ކުޅެން އެއްބަސްވީ މޯހިތާ އެކު އިތުރު ކާމިޔާބު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާތީ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވާން ފަރްހާން އާއި އަދިތްޔަ މިހާރު ވަނީ ފަށާފަ އެވެ.

މި ފިލްމު ބަތަލާގެ ރޯލު ކުޅޭނެ ތަރިޔަކު އަދި ހަަމަޖައްސާފައިނުވާއިރު، އެ ރޯލު ޝްރަދާ އަށް ހުށަހަޅާފައިވާ ކަމުގެ ވާހަކަތަކެއް މީގެކުރިން ވަނީ ދެކެވިފަ އެވެ.