ހަބަރު

މިއަހަރު ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާނީ އެންމެ 29 ފަހަރަކު: ފުލުހުން

Apr 21, 2015

މިއަހަރު މާލޭގައި ކުރި މުޒާހަރާތަކުގައި ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވަނީ އެންމެ 29 ފަހަރަކު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ ހެޑް ހުސައިން އަޒްހަމް ވިދާޅުވީ މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވަނީ އެންމެ 29 ފަހަރަކު ކަމަށާއި އެއީ ފުލުހުންނަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން އެންމެ ކުޑަ ބާރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހެން އެއްވެސް ބާރެއް އެފަދަ ކަންކަމުގައި ބޭނުން ނުކުރާ ކަމަށް އަޒްހަމް ވިދާޅުވި އެވެ.

"މާނައަކީ މިއަހަރުގެ ތެރޭގައި ބެޓަން، ޓިއާ ގޭސް، ރަޔަޓް ގަން، ތަންޑާ ފްލޭޝް ނުވަތަ ޓޭޒާ ގަން ފަދަ އެއްވެސް އެއްޗެއް ބޭނުންކޮށްފައެއް ނުވާނެ. އެއްވުންތައް ކޮންޓްރޯލް ކުރުމުގައި ބޭނުން ކުރަމުން މިދަނީ އެ ހާލަތަކާ ގުޅޭ ބާރެއް." އަޒްހަމް ވިދާޅުވި އެވެ.

އަޒްހަމް ވިދާޅުވި ގޮތުގައި ކޮންމެ ހާލަތެއްގައި ވެސް ފުލުހުން ބޭނުންކޮށްފައިވަނީ އެ ހާލަތަކާ އެކަށީގެންވާ މިންވަރުގެ ބާރު ކަމަށެވެ. އަދި ފުލުހުންގެ އަމަލުތަކާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ ކަމާބެހޭ ފަރާތްތަކަށް އެ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަންކަމަށް ޖަވާބުދާރީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޮޕްޓިމަމް ފޯސް މިހާރު މި ބޭނުންކުރަނީ، ކަރުނަ ގޭސް ފަދަ އެއްޗެއް މިހާރު މި ކުރިއަށް ދާ މުޒާހަރާތަކުގައި ބޭނުމެއް ނުކުރާނެ،" އަޒްހަމް ވިދާޅުވި އެވެ

އެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް އަހުމަދު ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް ގާނޫނާ ޚިލާފް ގޮތަކަށް އެފަދަ އެއްވުމެއްގައި ހަރަކާތްތެރިވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. އަދި އެފަދަ ހަރަކާތްތައް ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.