ވިޔަފާރި

ނައިޓް މާކެޓު އަންނަ މަހު 24 ގައި، ވިޔަފާރި ކުރަން 15 ދުވަސް!

Apr 22, 2015

ނައިޓް މާކެޓު އަންނަ މަހުގެ 24 ގައި ފަށާއިރު، ވިޔަފާރި ކުރުމަށް މި ފަހަރު 15 ދުވަސް ލިބޭނެ ކަމަށް ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ބުނެފި އެވެ. 

ގޯމީޑިޔާ އިން ބާއްވަމުން އައި ނައިޓް މާކެޓު ބޭއްވުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީވަނީ ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއާ މި އަހަރު ދީފަ އެވެ.

އެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފު ވިދާޅުވީ އަންނަ މަހުގެ 24 ވަނަ ދުވަހު ނައިޓް މާކެޓު ފަށާއިރު، މި އަހަރު 500 މޭޒު ހުންނާނެ ކަމަށެވެ.

"މި އަހަރުވެސް މާކެޓު މި ބާއްވަނީ ރާޅުގަނޑު ސަރަހައްދުގައި. މާކެޓަށް ހާއްސަކުރި ހުރިހާ މޭޒެއް ވިކިއްޖެ،" އާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ މާކެޓު ބާއްވާ ދުވަސް ގިނަވުމަކީ ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭނެ އުފަލެއް ކަމަށެވެ.

"ކުރިން ލިބޭ ދުވަސްތަކަށްވުރެ ގިނަ ދުވަސް މި ލިބެނީ. އަނެއްކާ މި ފަހަރު މޭޒުވެސް ވިއްކީ ކުރިއާ ބަލާއިރު އަގު ހެޔޮކޮށް. މޭޒެއް 3900ރ. މި ވިއްކީ. އެހެންވެ ވިޔަފާރިވެރިންނަށްވެސް ލިބޭ ހިތްހަމަ ޖެހުމެއް މިއީ،" އާސިފު ވިދާޅުވި އެވެ.

ނައިޓް މާކެޓަކީ ބައެއް އުފެއްދުންތައް އަގު ހެޔޮކޮށް ވިއްކުމަށް ބާއްވަމުން އަންނަ ބާޒާރެކެވެ. މި ބާޒާރު އާއްމުކޮށް ބާއްވަނީ 10 ވަރަކަށް ދުވަހަށެވެ.