ބޭރު ކުޅިވަރު

ޗެލްސީ ސެމީ އަށް، ސައުތުހެމްޓަން ކަޓައިފި

ލަންޑަން (ޑިސެމްބަރު 17) – އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލްގެ ރޭ ދެވަނަ ޑިވިޝަންގެ ޑާބީ ކައުންޓީ އަތުން 3-1 އިން މޮޅުވެ، ޗެލްސީ މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

މެޗުގެ 23 ވަނަ މިނިޓުގައި ޗެލްސީ އަށް ލީޑު ހޯދައިދިނީ ބެލްޖިއަމްގެ ވިންގާ އެޑިން ހަޒާޑެވެ. އަދި 56 ވަނަ މިނިޓުގައި ޗެލްސީގެ ދެވަނަ ލަނޑު ޖެހީ ބްރެޒިލްގެ ޑިފެންޑަރު ފިލީޕޭ ލުއިސް އެވެ. މިއީ އެތުލެޓިކޯ މެޑްރިޑް އިން މި ސީޒަންގައި ޗެލްސީ އަށް ބަދަލުވި ލުއިސް އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ދިހަ މީހުންނާއެކު މެޗު ނިންމާލި ޑާބީ އަށް މެޗުގެ 71 ވަނަ މިނިޓުގައި ލަނޑު ޖަހައިދިނީ ކްރެއިގް ބްރައިސަން އެވެ. އެކަމަކު ޗެލްސީ މެޗުން މޮޅެއް ޔަގީންކުރީ 82 ވަނަ މިނިޓުގައި ޖަރުމަންގެ ފޯވަޑް އަންދްރޭ ޝޫލާ ޖެހި ލަނޑުންނެވެ.

ޑާބީ ދިހަ ކުޅުންތެރިންނާއެކު މެޗު ނިންމާލީ މެޗުގެ ފަހުކޮޅު އެ ޓީމުގެ ޖޭކް ބަކްސްޓަން އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

މި މެޗުގައި ޗެލްސީގެ ޒުވާން ޑިފެންޑަރު ކާޓް ޒޫމާ އާއި ފޯވަޑް ޑިޑިއޭ ޑްރޮގްބާ ވަނީ އަނިޔާވެގެން ބާލައިފަ އެވެ. އެކަމަކު މި ދެ ކުޅުންތެރިން އަށް ލިބުނު އަނިޔާ ސީރިއަސްއެއް ނޫން ކަމަށް މެޗަށް ފަހު ޗެލްސީގެ ކޯޗު ޖޯސޭ މޮރީނިއޯ ވަނީ ބުނެފަ އެވެ.

މި މުބާރާތުގައި ރޭ ތިން ވަނަ ޑިވިޝަންގެ ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެ، ޕްރިމިއާ ލީގުގެ ސައުތުހެމްޓަން ވަނީ މުބާރާތުން ކަޓައިފަ އެވެ. ޝެފީލްޑް ޔުނައިޓެޑް މި މެޗުން މޮޅުވީ 63 ވަނަ މިނިޓުގައި މާކް މިކްނަލްޓީ ޖެހި ލަނޑުންނެވެ.

މި ސީޒަންގައި ސައުތުހެމްޓަންގެ ފެށުން ރަނގަޅުވި ނަމަވެސް، އެ ޓީމު ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ލީގު ކަޕް އިން ކެޓުމަކީ ސައުތުހެމްޓަންގެ ކޯޗު ރޮނަލްޑް ކޫމަން އަށް ލިބުނު އިތުރު ބޮލުގެ ރިހުމެކެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި މިރޭ ދެވަނަ ޑިވިޝަންގެ ބޯންމައުތުއާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު، ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ނުކުންނާނީ ނިއު ކާސަލް ޔުނައިޓެޑެވެ. -- ބީބީސީ