ހަބަރު

ރާއްޖެއާ މެދު އެމްނެސްޓީން ކަންބޮޑުވާ މައްސަލަތަކެއް މާދަމާ ހާމަކުރަނީ

Apr 22, 2015
1

އެމްނެސްޓީ އިންޓަނޭޝަނަލް އިން މިދިޔަ ހަފުތާގައި ރާއްޖެ އަށް ކުރި ޒިޔާރަތަކަށް ފަހު ހޯދާފައިވާ ހޯދުންތައް މާދަމާ އިއުލާނުކުރާނެ ކަމަށް ބުނެފި އެވެ.

ޝަރީއަތް ކުރުމުގައި އިންސާފު ނުލިބޭ މައްސަލައާ ބެހޭ ގޮތުން ވެސް މައުލޫމާތު ހޯދާފައި ވާނެ ކަމަށާއި އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމަށް ހިންގި ޝަރީއަތާ ބެހޭ މައުލޫމާތު ވެސް ހިމެނޭ ކަމަށް އެމްނެސްޓީން ބުންޏެވެ.

ނޫސްވެރިންނާއި ސުލްހަވެރިކޮށް މުޒާހަރާކުރާ މީހުންނަށް ހަމަލާ ދިނުމާއި މީހުން ގެއްލުމާއި ޖުޑިޝަލް ސިސްޓަމްގެ ތެރޭގައި ހުރި މައްސަލަތަކާއި ހައްދު ޖެހުމާއި މަރުގެ އަދަބާ ބެހޭ ގޮތުން ވެސް މައުލޫމާތު އެއްކުރި ކަމަށް އެ ޖަމާއަތުން ބުންޏެވެ.

ރާއްޖޭގައި ހުރި އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތު ދޭނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ކޮންސްޓިޓިއުޝަން ކްލަބް އޮފް އިންޑިއާގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އިންޑިއާ ގަޑިން މާދަމާ ހެނދުނު 11:00 (ރާއްޖޭ ގަޑިން 10:30) ގައި ބާއްވާ މި ޕްރެސް ކޮންފަރެންސްގައި ހާމަކުރާ މައުލޫމާތަކީ މި މަހުގެ 17 އިން ފެށިގެން ރާއްޖެ އަށް ޒިޔާރަތްކޮށް މުހިންމު ފަރާތްތަކާ އިންޓަވިއުކޮށްގެން ލިބުނު މައުލޫމާތު ކަމަށް އެމްނެސްޓީން ބުންޏެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެ ޖަމާއަތުން ބުނީ މައުލޫމާތު ހޯދުމަށް ގާނޫނީ ވަކީލުންނާއި ނޫސްވެރިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުންނާއި ސިޔާސީ އެކްޓިވިސްޓުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.