ވިޔަފާރި

ބޮޑު ޖާގަ އަކާއެކު ޕިއްޒާ ބޯނާގެ އާ އައުޓްލެޓެއް ހުޅުވައިފި

ބޮޑު ޖާގަ އަކާއެކު ޕިއްޒާ ބޯނާގެ އާ އައުޓްލެޓެއް ރުވާމަގުގައި މިރޭ ހުޅުވައިފި އެވެ.

ޕިއްޒާ ބޯނާގެ އާ އައުޓްލެޓް މިރޭ ހުޅުވައިދެއްވީ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު މިލިންދް ޑެރަސާރީ އެވެ. މިރޭ ހުޅުވި އައުޓްލެޓުގައި ފަންސާސް މީހުންގެ ޖާގަ ހިމެނެ އެވެ.

ޕިއްޒާ ބޯނާގެ ޝެއާހޯލްޑާ ހުސެން ހާލީ ވިދާޅުވީ ޕިއްޒާ ބޯނާގެ އާ ތަނެއް ހުޅުވަން މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި އެގޮތުން މީގެ ދުވަސް ކޮޅެއް ކުރިން ދެވަނަ އައުޓްލެޓެއް ހުޅުވާފައިވާ ކަމަށެވެ. އަދި އެތަން ހުޅުވުމާއެކު މަސައްކަތް ކުރީ ގިނަ ބަޔަކު އައިސް އެއްފަހަރާ ކާލެވޭވަރުގެ ބޮޑު ޖާގައިގެ ތަނެއް ހުޅުވުން ކަމަށާއި މިރޭ ހުޅުވުނު ތަނުން ފަންސާސް މީހުންގެ ޖާގަ ހުންނާނެ ކަމަށް ހާލީ ވިދާޅުވި އެވެ.

ހާލީ ވިދާޅުވީ މިރޭ ހުޅުވުނު އާ އައުޓްލެޓް ހާއްސަ ކުރެވިގެން ބޮޑަށް ދަނީ ފެމިލީ ތަކަށާއި ޕިއްޒާ ލަވާޒް އަށް ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ އެ އައުޓްލެޓް ޕާޓީތަކަށާއި ފަންކްޝަންތަކަށް ދޫކުރަންވެސް ނިންމާފައިވާ ކަމަށެވެ.

"ދުވަސް ކޮޅެއް ކުރިން ދެވަނަ އައުޓް ލެޓެއް ހުޅުވުނު، އެއާއެކު މަސައްކަތް ކުރަމުން ދިޔައީ ތަންކޮޅެއް ބޮޑު ކެޕާސިޓީއެއްގެ ތަނެއް ހުޅުވުމަން، މިރޭ ހުޅުވިގެން މިދިޔައީ ފަންސާސް މީހުންގެ ޖާގައިގެ ތަނެއް، ކުރިން ހުޅުވި ތަނަކީ 20 މީހުންގެ ޖާގައިގެ ތަނެއް، މައިގަނޑު ގޮތެއްގައި ހަމަ އެއް ފީލް އަކަށް މިތަންވެސް ހަދާފައި ހުންނާނީ،" ހާލީ ވިދާޅުވި އެވެ.

ހާލީ އިތުރަށް ވިދާޅުވީ އަލަށް ހުޅުވުނު އައުޓްލެޓްގައި ކަސްޓަމަރުންނަށް ހާއްސަކޮށް ވަރަށް އަވަހަށް ހާއްސަ ކަމެއް ބާއްވާނެ ކަމަށެވެ. އަދި އިތުރު އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ހާލީ ވިދާޅުވި އެވެ.

ޕިއްޒާ ބޯނާގެ އާ އައުޓްލެޓެއް މިރޭ ހުޅުވުނުއިރު މިދިޔަ މަހު އެތަނުން ވަނީ 64 ޕިއްޒާ ފޮތި ހިމެނޭ "ޕިއްޒާ ޕާޓީ ޕެކް" ތައާރަފްކޮށް ވިއްކަން ފަށާފަ އެވެ.