ދުނިޔެ

މުސްލިމުން އުޅެނީ ޔަހޫދީން މަރަން ކަމަށް ބުނާ އިސްތިހާރު މަނައެއް ނުކުރެވޭނެ: ކޯޓް

Apr 22, 2015

ޔަހޫދީން މެރުމަކީ މުސްލިމުންނަށް އަޅުކަމެއްގެ ގޮތުގައި ސިފަކޮށް އެމެރިކާގެ ނިއު ޔޯކްގެ ޕަބްލިކް ޓްރާންސްޕޯޓް ބަސްތަކުގައި ހަރުކޮށްފައިވާ އިސްތިހާރު މަނާ ނުކުރެވޭނެ ކަމަށް އެމެރިކާގެ ކޯޓަކުން ކަނޑައަޅައިފި އެވެ.

ނިއު ޔޯކްގެ މެޓްރޮޕޮލިޓަން ޓްރާންސްޕޮޓޭޝަން އޮތޯރިޓީ (އެމްޓީއޭ) އިން ދެކޮޅު ހަދާ އިސްތިހާރުގައި ވަނީ މޫނު ނިވާކޮށްގެން ހުންނަ މީހަކާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބޭނުންކުރާ ކަމަށް ބުނާ ލަވައެއްގެ އިބާރާތްކޮޅެކެވެ.

"ޔަހޫދީން މެރުމަކީ އަޅުމެއް. އެކަމުން އަހަރެމެން ﷲ އާ ކުއްތަން ކުރުވާ" ކަމަށް ލަވައިގެ އިބާރާތުގައި ބުނެފައިވެ އެވެ.

މި އިބާރާތާ އެކު ދެން ލިޔެފައި ވަނީ މިއީ ވެސް ޖިހާދު ކަމަށް އެ މީހާ ގަބޫލުކުރާ ކަމަށާއި "ތިބާގެ ޖިހާދަކީ ކޮބައި؟" ހެއްޔެވެ.

ފަނޑިޔާރު ވިދާޅުވެފައި ވަނީ މި އިސްތިހާރަށް އެމެރިކާގެ ގާނޫނު އަސާސީގެ ދަށުން ހިމާޔަތް ލިބިދޭ ކަމަށެވެ. މި އިސްތިހާރުގެ ސަބަބުން ޓެރަރިޒަމަށް ހިތްވަރު ލިބޭ ކަމަށް އެމްޓީއޭ އިން ބުނި ނަމަވެސް އެއީ ނިއު ޔޯކް ރައްޔިތުން ކަންކަން ތަަހައްމަލުކުރާ މަތީ ދަރަޖަ އަށް ރިއާޔަތް ނުކޮށް ބުނާ ވާހަކައެއް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

މުސްލިމުންނާ ދެކޮޅު ޖަމާއަތަކުން އިސް ނަގައިގެން ކުރަމުންދާ މި އިސްތިހާރު މަނާ ނުކުރެވޭ ގޮތަށް ނިންމި ނިންމުމާ މެދު ކަންބޮޑުވާ ކަމަށް އެމްޓީއޭ އިން ބުންޏެވެ. މި ނިންމުން އިސްތިއުނާފު ކުރުމަށް 30 ދުވަސް ލިބޭނެ އެވެ. --ބީބީސީ