ހަބަރު

އާއިލީ ޑޮކްޓަރު ޕްރޮގްރާމްގައި ބައިވެރިވާން އަމިއްލަ ކްލިނިކްތަކަށް ހުޅުވާލައިފި

Apr 22, 2015

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ޕްރޮގްރާމްގެ ދަށުން އެ ހިދުމަތް ދޭން ބޭނުންވާ އަމިއްލަ ކްލިނިކްތަކަށް ހެލްތުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ. 

ހެލްތް މިނިސްޓްރީން ދާދިފަހުން އިއުލާން ކޮށްފައި ވަނީ ކޮންމެ އާއިލާއަށް ޑޮކްޓަރެއް ޕްރޮގްރާމް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ހެލްތް މިނިސްޓްރީ އިން އެކަމާ ގުޅޭ ގޮތުން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނީ، ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިދުމަތް ދޭ ކޮންމެ ކްލިނިކަކަށް ވެސް އެ ޕްރޮގްރާމްގައި ބައިވެރިވުމުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަށް އަދި އެ ޕްރޮގްރާމްގެ ދަށުން ރަޖިސްޓްރީ ކުރާ ކޮންމެ ކްލިނިކެއްގައި ވެސް އާއިލި ޑޮކްޓަރުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ޑޮކްޓަރުންތަކެއް ތިބެން ޖެހޭ ގޮތަށް މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ. އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހާއްސަ ފޯމެއް ފުރަން ޖެހެ އެވެ.

އެކަމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުގައި އެފަދަ ޑޮކްޓަރަކަށް އެ ޕްރޮގްރާމްގެ ދަށުން އެންމެ ގިނަވެގެން ބެލޭނީ 2500 މީހުންނެވެ. އަދި އެ ޑޮކްޓަރުންނަށް ދެއްކުމަށް ކްލިނިކަކުން ނަގާފީ އާސަންދައިން ކަވަ ނުކުރާ ނަމަ، ގިނަވެގެން ނެގޭނީ 50ރ. ކަމަށް ވެސް އުސޫލުގައިވެ އެވެ. އެ ޕްރޮގްރާމް ތައާރަފްވުމުން ސްޕެޝަލިސްޓުންނަށް ދެއްކުމަށް އާސަންދައިގެ ހިދުމަތް ލިބޭނީ އާއިލީ ޑޮކްޓަރުގެ ލިޔުމެއް ލިބިގެން ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

"މި ހިދުމަތް ފޯރުކޮށްދިނުމަށް އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ވަރަށް މުހިންމު،" ހެލްތްގެ އިއުލާނުގައިވެ އެވެ.

އާސަންދައިގެ ހިދުމަތުގެ ތެރެއިން ފޯރުކޮށްދޭ ގޮތަށް ހަމަޖައްސާފައިވާ އެ ހިދުމަތުގެ ތެރެއިން އާއިލީ ޑޮކްޓަރުން އެ މީހުންނަށް ހާއްސަ ކުރެވިފައިވާ ޕޭޝަންޓުންގެ ގެޔަށް ގޮސް ބަލިމީހުން ބެލުމާއި ބަލިތަކަށް މީހުން ހޭލުންތެރި ކުރުމުގެ ކަންކަން ވެސް ކުރާނެ އެވެ. މި ހިދްމަތް ފެށުމާ އެކު މީހެއްގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ކޮންސަލްޓޭޝަން ޕޮއިންޓަކަށް ވާނީ އެ އާއިލާއަކަށް ކަނޑައަޅާފައި ހުންނަ ޑޮކްޓަރެވެ.

ސަރުކާރުން ބުނާ ގޮތުގައި އެ ޕްރޮގްރާމްގެ މަގުސަދަކީ ވަށާޖެހޭ ސިއްހީ ހިދުމަތް ވީހާވެސް ރަައްޔިތުންނާއި ގާތުން ފޯރުކޮށްދިނުމެވެ. މި ނިޒާމުގެ ތެރެއިން ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ފަސޭހަ ކަމާއެކު، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނޭ އިންތިޒާމް ހަމަޖެހޭނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.