ވިޔަފާރި

އެޗްއެސްބީސީ މާލޭގައި ހުރި ބޭނުން ނުކުރާ ގިނަ އެކައުންޓްތަކެއް ބަންދު ކުރަނީ

Apr 22, 2015

އެޗްއެސްބީސީން ބުނީ ބޭނުން ނުކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ ޑޯމަންޓް އެކައުންޓް (ބޭނުން ނުކުރާ އެކައުންޓެއް) އެ ބޭންކުގެ މާލެ ބްރާންޗުގައި ހުރިނަމަ އެ ބޭންކާ ގުޅުމަށް އެދޭ ކަމަށެވެ. 

އެޗްއެސްބީސީ ވަނީ މި އެކައުންޓްތައް އެންމެ ފަހުން ބޭނުންކުރި ފަރާތްތަކުގެ ތަފުސީލު ވެސް އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހި ވަކި ފަރުދުންނާއި ބިދޭސީންނާއި އަދި ބައެއް ކުންފުނިތަކުގެ ނަމުގައި ހުރި އެކައުންޓްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންގެ ނަންނަމުގައި ހުރި އެކައުންޓްތަކެވެ. 

ބޭންކިންއާ ބެހޭ ގާނޫނުގައި ވާ ގޮތުން އެކައުންޓަކުން އެއްވެސް މުއާމަލާތެއް ނުކޮށް، ބޭންކަށް ނާންގާތާ ފަސް އަހަރުވެފައިވާ އެކައުންޓަކީ ބޭނުން ނުކުރާ އެކައުންޓެއްގެ ގޮތުގައި ބެލޭނެ އެވެ.

އެޗްއެސްބީސީން ބުނީ ދެ މަސް ދުވަހުގެ ތެރޭގައި އެކައުންޓުގައި ހުރި ފައިސާއާ ހަވާލުނުވާނަމަ، ބޭންކިންއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން އެ ފައިސާ މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ފޮނުވޭނެ ކަމަށެވެ.

"ވީމާ ބޭންކުން އެދެނީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ނުދިނުމަށްޓަކައި މިފަދަ އެކައުންޓުގެ ވެރި ފަރާތްތަކުން އެ ފަރާތްތަކުގެ އައިޑެންޓިފިކޭޝަން ކާޑުގެ ކޮޕީއާއި އެކު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 އިން 2.30 އަށް ވަޑައިގެން މިކަން ހައްލު ކުރެއްވުމަށެވެ،" އެޗްއެސްބީސީ މާލެއިން ނެރުނު ބަޔާނުގައިވެ އެވެ.