ކުޅިވަރު

އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓް މިހާރު މާ ދޯހަޅި

Sep 16, 2017

"ރާއްޖޭގެ ފުޓްބޯޅައިގައި ރެފްރީންގެ ކަންކަން ވަރަށް ބޮޑަށް ކުރި އަރާފައިވާ ޒަމާނެއްވެސް ދިޔަ،" މިއީ ރާއްޖޭގެ ރެފްރީންގެ ކަންކަން މިހާރު "ދޯދިޔާ ކަން" ސިފަ ކޮށްދޭން ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ވާހަކަ ފެށި ހިސާބެވެ. ރެފްރީންގެ ކަންކަމުގައި އެންމެބޮޑަށް ކަންބޮޑުވުން ފާޅު ކުރާ އެއް ކޯޗަކީ ނިޒާމް އެވެ. އޭނާ ބުނީ ރެފްރީންގެ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަނީ ވަކި ބަޔަކާ ޖައްސާލައިގެން ވަކި ބަޔަކު ހަލާކުކޮށްލުމަށް ނޫން ކަމަށެވެ.

ރާއްޖޭގެ މަސައްކަތު މާހައުލުގައި ކޮންމެ ދާއިރާއެއްގައިހެން ޒަމާނީ ވަސީލަތްތައް އިތުރު ވެއްޖެ އެވެ. ނަމަވެސް އެހުރިހާ ވަސީލަތްތަކަކާއެކު ވެސް މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓް މާ ދޯހަޅި ކަމަށް ނިޒާމް ގަބޫލު ކުރައްވަ އެވެ. ކުރިން ރެފްރީންގެ ކަންކަން ކުރި އެރުމަށް، އޭރު ރެފްރީސް ޑިޕާޓްމެންޓުން ކޮށްފައިވާ މަސައްކަތް ނިޒާމް ފާހަގަ ކުރި އެވެ.

"ރާއްޖޭގައި އައި ޒަމާނެއް ނޫނިއްޔާ ދުވަސްތަކެއް އައި ވަރަށް ބައިވަރު ޒުވާން ރެފްރީންތަކެއް ނިކުމެގެން ވަރަށް ރަނގަޅަށް އެ މަސައްކަތުގެ ތެރޭގައި ޝާމިލުވެ ރާއްޖޭގެ ރެފްރީކަން ވަރަށް ބާރަށް ކުރި އަރަމުން އައި ދުވަސްވަރެއް ފީފާ ރެފްރީންތައް އިންޓްރަޑިއުސްވުމާ މިހެންގޮސް ވަރަށް ބައިވަރު ކަންކަން ފެނިގެން ދިޔަ،" ނިޒާމް ބުންޏެވެ. "އެ ރެފްރީންތައް މިހާރު ވަނީ ބައެއް މީހުން ރިޓަޔާމެންޓަށް ގޮސްފަ އަނެއް ބައި މީހުން ރިޓަޔާމެންޓަށް ދިއުމުގެ މަގުމަތީގައި މިތިބީ، ތިބިއރު ފޫބައްދާނެ ތަން ރޭވިފައި ނެތީމަ ތަން ކޮޅެއް ދޯހަޅިކޮށް މިދިޔަ ތިން ހަތަރު އަހަރެންގެ ތެރޭގައި ރެފްރީސް ޑިޕާޓްމެންޓް ފެނިގެން ދިޔަ ކަހަލަ ގޮތަކަށް ފެނިގެން މިދިޔައީ"

ނިޒާމް ބުނީ ކުރިން ރެފްރީން ބިނާ ކުރުމަށްޓަކައި، ފުރަތަމަ ޑިވިޝަން ޓީމުތައް ސީޒަނަށް ތައްޔާރުވާއިރު ޕްރީ ސީޒަން މެޗުތަކުގައި އިންސާފު ކުރުމުގެ ފުރުސަތު ފުރަތަމަ ޑިވިޝަނަށް އަލަށް އަންނަ ރެފްރީންނަށް ފޯރު ކޮށްދޭ ކަމަށެވެ. އަދި އެ ރެފްރީންގެ ކުރިއެރުމަށް ހާއްސަކޮށް ބާއްވާ މުބާރާތްތަކުން ފުރުސަތު ދޭ ކަމަށް ނިޒާމް ބުންޏެވެ.

"ވަރަށް ރަނގަޅަށް ހަނދާން އެބަހުރި 90، 92 އެހާތާންގައި، ރެފްރީންނަށް ކޮންމެ މެޗެއް ނިންމާފަ އޭރުގައި ތިބި ރެފްރީ އެސެސަރުން އެމީހުންނަށް އެ ކުރެވޭ ކަންކަން ހުރިހާ ރެފްރީންގެ ކުރިމަތީގައި ކިޔައިދީ ޖެހިގެން އަންނަ މެޗުގައި އެކަންކަން ރަނގަޅު ކުރުމަށް އެމީހުންނަށް ބާރުއަޅައި އެ މަސައްކަތް ކުރަމުން ދިޔަ ގޮތް ފެނިފައި ހުރީ." ދިވެހި ޕްރިމިއާ ލީގްގައި މިއަދު މާޒިޔާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނިޒާމް ބުންޏެވެ.

ވަސީލަތްތަކުގެ ގޮތުން ހަރުދަނާ ވެއްޖެއެވެ. ޒަމާނީ ވަސީލަތްތައް އިތުރު ވެއްޖެ އެވެ. ނަމަވެސް އެއަށް ވުރެ ބޮޑަށް ކަންކަން ދޯހަޅި ވެގެން ދިޔަ ކަމަށް ނިޒާމް ފާހަގަ ކުރި އެވެ. މި ހުރިހާ ވާހަކައެއްގައިވެސް ނިޒާމް އޮތީ އެންމެ އުންމީދެކެވެ. "ހަމައެކަނި ބޭނުން ވަނީ ދިވެހި ރާއްޖޭގެ އިތުރު ރެފްރީންތަކެއް ބައިނަލްއަގްވާމީ ފެންވަރުގައި ނިކުމެ ރާއްޖޭގެ ފުޓްބޯޅައަށް ރަނގަޅަށް ހިދުމަތް ކުރާނެ ރަނގަޅު ރެފްރީންތަކެއް ނެރުން އެއީ ހަމައެކަނި އުންމީދަކީ."

ރެފްރީންގެ ކަންކަން ރަނގަޅު ކުރުމުގައި އެފްއޭއެމުން ވަނީ ބައެއް ފިޔަވަޅުތައް އަޅާފަ އެވެ. އެފްއޭއެމުން ދާދި ފަހުން ބުނެފައި ވަނީ ރެފްރީސް ޑިޕާޓްމެންޓް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިހާބު ވެވަޑައިގެންނެވި ދުވަހު ވިދާޅުވެފައި ވަނީ އެފްއޭއެމް އަށް ބޭރުގެ ރެފްރީސް ޑައިރެކްޓަރެއް ގެންނާނެ ކަމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) އޭޕްރީލް މަހު ވިދާޅުވެފައި ވަނީ އޭއެފްސީގެ ރެފްރީސް ޑިޕާޓްމެންޓްގެ ވަފުދެއް އައިސް ރާއްޖޭގެ ރެފްރީންގެ ހާލަތާއި އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓް ދިރާސާ ކޮށްފައިވާ ކަމަށެވެ. އަދި އެ ވަފުދުން ރާއްޖެއަށް ރިޕޯޓް ފޮނުވައި ރެފްރީންގެ ކަންކަމަށް ރާއްޖެއިން އެޅަންޖެހޭ ފިޔަވަޅުތައްވެސް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭއެފްސީގެ ޓީމެއް އައިސް ރެފްރީންގެ ކަންކަމުގައި މިވަނީ އިނީޝިއަލް މަސައްކަތް ފެށިފައި، އޭއެފްސީން އެކަމުގައި ސަޖެސްޓް ކުރަނީ ރެފްރީސް ޑައިރެކްޓަރެއްތޯ ރާއްޖެއަށް ނަގާނީ ނުވަތަ ޓެކްނިކަލީ އެކްސްޕާޓް ރެފްރީއެއްތޯ ފޮނުވާނީ، އެރިޕޯޓަށް ބޭސް ކޮށްފައި އަންނާނީ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅަކީ ކޮބައިކަން،" ޖަވާ އޭރު ވިދާޅުވި އެވެ.