ލައިފްސްޓައިލް

ޑިއޯޑްރަންޓް ތިޔަ ބޭނުން ކުރަނީ ރަނގަޅަށްތަ؟

Sep 16, 2017
1

ދާހިތްލާ ގައިން ނުބައިވަސް ދުވުމަކީ ބައެއް މީހުންނަށް ކޮންޓްރޯލް ކުރަން އެންމެ އުނދަގޫ އެއް ކަންތަކެވެ. އަދި މިއީ މީހުންގެ ތެރެއަށް ނުކުމެ އުޅޭއިރު ބައެއް މީހުން އެންމެ ލަދުވެސް ގަންނަންޖެހޭ އެއް ކަންތަކެވެ. ނަމަވެސް މިހާރު ބާޒާރުން ލިބެން ހުރި ތަފާތު ވައްތަރުގެ ޑިއޯޑްރަންޓާއި އެންޓިޕާސްޕިރަންޓުން މިކަން ހައްލު ކުރާކަށް އުނދަގުލެއް ނުވާނެ އެވެ.

ނަމަވެސް ގައިން ނުބައިވަސް ފިލުވަން ބޭނުން ކުރާ ޑިއޯޑްރަންޓާއި އެންޓިޕާސްޕިރަންޓުން ތިމާއާ ގުޅެނީ ކޮންއެއްޗެއްތޯ ބެލުން މުހިންމެވެ. ސަބަބަކީ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޑިއޯޑްރަންޓް ޖަހައިގެން ދާހިތްލުމާއި ގައިން ދުވާ ވަސް ވެސް ކަނޑުވާލެވިދާނެ ކަމަށެވެ. ނަމަވެސް މިއީ ކުށްހީ އެކެވެ. ސަބަބަކީ މިއީ ދެ ނަމެއް ކިޔާ ދޭއްޗެކެވެ.

އެންޓިޕާސްޕިރަންޓު ޖެހުމުން ކިހިލިފަތްދޮށުން ދާހިތްލުން ކޮންޓްރޯލުކޮށްދީ ބެކްޓިރީއާ އަށަގަތުމުން ދުރުކޮށްދެ އެވެ. އަދި ޑިއޯޑްރަންޓު ޖެހުމުން ދާހިތްލުމުން އުފެދޭ ނުބައިވަސް ކަނޑުވައިދެ އެވެ. ނަމަވެސް ދާހިތްލުން ކޮންޓްރޯލެއް ނުކޮށްދޭނެ އެވެ. ވީމާ ގަންނައިރު މި ދެ ނަމުގެ ތަފާތަށް ދެން ފަހަރަކުން ވެސް ބަލައްޗެވެ.

މީގެއިތުރުން ވެސް ފެންވަރައިގެން ނުކުންނަ ގޮތެއް ރަނގަޅަށް ހަށިގަނޑު ނުހިއްކައި ޑިއޯޑްރަންޓް ބޭނުން ކުރުމުގެ ބަދަލުގައި ގައި ރަނގަޅަށް ހިއްކުމަށްފަހު ނޫނީ ޑިއޯޑްރަންޓް ބޭނުން ނުކުރާށެވެ. ސަބަބަކީ ފެނާއެކު ޑިއޯޑްރަންޓް ބޭނުން ކުރުމުން އެންމެ ރަނގަޅު ނަތީޖާ ނުފެންނާނެތީ އެވެ.

އަދި އެނގޭ ހެއްޔެވެ؟ ހެނދުނު ތެދުވެ ޑިއޯޑްރަންޓް ބޭނުން ކުރުމުގެ ބަދަލުގައި ރޭގަނޑު ފެންވަރައިގެން ނިދަން އޮށޯތުމުގެ ކުރިން ޑިއޯޑްރަންޓް ބޭނުން ކުރުމަކީ ގައިން ނުބައިވަސް ދުވުމުން ދުރުކޮށްދީ ޑިއޯޑްރަންޓުގެ އަސަރު ގިނައިރު ވަންދެން ހިފަހައއްޓައިދޭނެ ކަމެކެވެ. އަދި ދެވަނަ ފަހަރަށް ޑިއޯޑްރަންޓް ބޭނުން ކުރާނަމަ ރަނގަޅަށް ސައިބޯނި ލައިގެން ދޮވެ ހިއްކުމަށްފަހު ނޫނީ ޑިއޯޑްރަންޓް ބޭނުން ނުކުރާށެވެ. އަދި ޑިއޯޑްރަންޓް ބޭނުން ކުރުމަށްފަހު އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނޫނީ ހެދުން ވެސް ނުލާށެވެ. ނޫންނަމަ އަވަހަށް ދާހިތްލާ ހެދުމުގައި ޑިއޯޑްރަންޓް އުނގުޅޭ ގޮތްވެ އެވެ.

މީގެއިތުރުން ވެސް މާބޮޑަށް ބުރަކޮށް ނޫޅޭނަމަ ގިނައިން ޑިއޯޑްރަންޓް ބޭނުން ކުރުމުގެ ބަދަލުގައި ހަފްތާއަކު ތިން ފަހަރު ޑިއޯޑްރަންޓް ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.