ވިޔަފާރި

އުރީދޫ ފުރަތަމަ އަހަރީ އާއްމު ޖަލްސާ އަންނަ މަހު އެކެއްގައި

އުރީދޫ މޯލްޑިވްސްގެ ފުރަތަމަ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އުރީދޫ އުރީދޫ މޯލްޑިވްސްއިން ބުނީ މި އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 8.30 ގައި ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމުގައި އޮންނާނެ ކަމަށެވެ.

އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި ނިމިދިޔަ އަހަރުގެ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމުގެ އިތުރުން މި އަހަރު އެ ކުންފުނީގެ އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުންވެސް އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި އައްޔަން ކުރުމާއި ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ ގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރެއް އައްޔަން ކުރުން ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

"ކުންފުނީގެ 90.5 ޕަސެންޓް ހިއްސާގެ ވެރިފަރާތްކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އަށް ޑިރެކްޓަރުންގެ ބޯޑަށް ހަތް މެންބަރުން އައްޔަންކުރުމުގެ ބާރު ލިބިފައިވެ އެވެ. މިގޮތުން ވަތަނިއްޔާ އިންޓަނޭޝަނަލް އިން ޑިރެކްޓަރުންގެ ބޯޑަށް ޑޮކްޓަރ ޝައިޚާ އަލް-ޖާބިރު އައްޔަންކުރުމަށް ވަނީ ނޮމިނޭޓުކޮށްފަ އެވެ،" އުރީދޫން ބުނެފައިވެ އެވެ.

އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި 9.5 ޕަސެންޓް ހިއްސާވާ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ އެއް ޑިރެކްޓަރު ހޮވުންވެސް އޮންނާނެ ކަމަށެވެ. މި މަގާމަށް ކުރިމަތިލައްވާފައިވަނީ އިބްރާހީމް ފިރުޝާން އާއި ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފުގެ އިތުރުން އަޙްމަދު ޒުހޫރު އެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި މިމަހުގެ 13 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށެވެ. އަދި އަމިއްލަ ނަމުގައި ނުވަތަ ޕްރޮކްސީ ހިފައިގެން އަންނަ ފަރާތްތަކަށް، ކޮންމެ ހިއްސާދާރަކަށް ކޮންމެ އެޖެންޑާ އައިޓަމަކަށް އެއް ވޯޓު ދެއްވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ޕްރޮކްސީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، މިމަހުގެ 28 ވާ ބުރާސްފަތު ދުވަހުގެ ހަވީރު 5:00 ގެ ކުރިން ޕްރޮކްސީ ފޯމު ހުށަހަޅަން ވާނެ ކަމަށެވެ. އަދި ޕްރޮކްސީ ކެންސަލް ކުރައްވަން ބޭނުންނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރާފައިލުން ކެންސަލްވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން އާއްމުންގެ ހިއްސާވާ ކުންފުންޏަކަށް ބަދަލުވެފައިވަނީ ކުރިއަށްގެންދިޔަ ކާމިޔާބު އައިޕީއޯއަކުންނެވެ. މި އައިޕީއޯއިން 14 މިލިއަން ހިއްސާ ވަނީ ވިކިފަ އެވެ. މިއީ 421 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އުރީދޫ އިން ދޫކުރި ހިއްސާގެ 9.5 ޕަސެންޓް ވަނީ ވިކިފަ އެވެ. އެ ކުންފުނިން ހިއްސާއެއް ވިއްކާފައިވަނީ 30ރ. ގެ މަގުންނެވެ.