ހަބަރު

ރައްޔިތު އެންމެން ނިކުމެ ދިގުރަށް ސާފުކޮށް، އެކުވެރިކަން ދައްކާލައިފި

އދ. ދިގުރަށުން : ނާޒިމް ހަސަން
Sep 16, 2017
4

ބައިނަލްއަގުވާމީ "ކޯސްޓަލް ކްލީން އަޕް ޑޭ" ފާހަގަކޮށް މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތައް މިއަދު ވަނީ ސާފުކޮށްފަ އެވެ. ގިނަ ރަށްތަކެއްގައި މި ދުވަސް ފާހަގަކުރުމަށް އެ ރަށްރަށުގެ ގޮނޑުދޮށްތައް ސާފުކޮށްފައިވާއިރު މި ރަށަކީ މިކަމުގައި ނަމޫނާއެއް ދެއްކި ރަށެކެވެ. އދ. އަތޮޅުގައި އޮންނަ ހަނި އެކަމަކު ދިގު، ދިގުރަށެވެ.

ދިގުރަށުގެ 1،000 ވެސް ހަމަނުވާ އާބާދީގެ ރައްޔިތުން މިއަދު ރަށުގެ ގޮނޑުދޮށް ސާފުކުރަން ނުކުތީ ހެނދުނު ހުނދުނާ އެވެ. ރަށުގެ އަންހެންވެރިންނާއި ފިރިހެންވެރިން އަދި ޒުވާނުން ކައުންސިލްގެ އިދާރާއަށް ހާޒިރުވާން ފެށީ ހެނދުނު އަށެއް ވެސް ނުޖަހަނީހެވެ. ވަރަށް ފޯރީގައި ރައްޔިތުން ނުކުމެ ގުރޫޕްތަކަށް ބެހިގެން ރަށުގެ ގޮނޑުދޮށުން ކުނި ހޮވުމަށް އަރުވާ ނަގައިގެން ދިޔަ އެވެ.

ގުރޫޕްތަކުގައި އަންހެންވެރިންނާއި ފިރިހެންވެރިން ގޮނޑުދޮށުގައި ހުރި ޕްލާސްޓިކް ފުޅި އާއި ދަޅު ގިނަ އަދަދަކަށް ހޮވި އެވެ. މިކަމުގައި ގިނަ އަދަދެއްގެ ޒުވާނުން ވެސް ބައިވެރިވުމަކީ އުފަލެކެވެ. ޒުވާނުން ވަނީ ޑައިވްކޮށްގެން ފަޅު ތެރެއިން ވެސް ކުނި ނަގާފަ އެވެ. ދިގުރަށުގެ ހީވާގި ޒުވާނުން ސްނޯކްލިން ކޮށްގެން ވެސް ކުނި ހޮވި އެވެ.

ލޯކަލް ޓޫރިޒަމް ފައްކާވަމުން އަންނަ ދިގުރަށުގެ ރައްޔިތުންނަކީ ސާފުތާހިރުކަމަށް އިސްކަމެއްދޭ ރައްޔިތުންތަކެކެވެ. އެ ރަށުގެ ގޮނޑުދޮށުން މިއަދު 50 ޖަންބޯގެ ޕްލާސްޓިކް ފުޅި އާއި ދަޅުފަދަ ކުނި ނަގާފައިވީ ނަމަވެސް އޭގެ ތެރޭގައި ގިނައީ އެ ރަށަށް ލައްގާފައި ހުރި ކުންޏެވެ. މިއީ މޫދަށް ކުނި އެޅުމުގެ ވިސްނާލަންޖެހޭ ކަންކަމެވެ.

ދިގުރަށުގެ އެއް ކިލޯމީޓަރު ދިގު، ރީތި ތުނޑިއަށް ވެސް ކުނި ލައްގައި، ތަނުގެ ގުދުރަތީ ރީތި ކަމަށް އުނިކަން އައުމަކީ އެ ރަށުގެ ރައްޔިތުން ހާއްސަކޮށް ޒުވާނުން ހިތާމަކުރާ ކަމެކެވެ.

ހެނދުނު ފެށި ސާފުކުރުމުގެ ހަރަކާތް ނިންމާލާފައިވަނީ މެންދުރަށެވެ. މެންދުރު ހަރަކާތް ނިންމާލާފައިވަނީ ކައުންސިލްގެ އިސްވެރިން ސާފުކުރުމުގައި ބައިވެރިވި ރައްޔިތުންނަށް ޝުކުރު އަދާކޮށް، ބޭއްވި އެއްވުމަކުންނެވެ. ރަށުގެ ގޮނޑުދޮށުގައި ބޭއްވި އެއްވުމުގައި ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވި ގާތްގަނޑަކަށް 150 މީހުން ބައިވެރިވި އެވެ.

ރަށުގެ މުއައްސަސާތަކުން ވެސް ބައިވެރިވި މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލިއިރު ރަށް ސާފުތާރިހުކޮށް ބާއްވައި އުފެދޭ ކުނި ހެޔޮ ގޮތުގައި ނައްތާލުމަށް ރައްޔިތުންގެ މެދުގައި އިގުރާރެއްވުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ. އެ ރަށުގެ ހުރިހާ ރައްޔިތުންގެ މެދުގައި އެ އިގުރާރުވާން ހަމަޖެހިފައިވާއިރު މިހާރު ވެސް ދިގުރަށަކީ ވޭސްޓްމެނޭޖްމެންޓް ވަރަށް ހެޔޮ ގޮތުގައި ކުރިއަށް ގެންދާ ރަށެކެވެ.

ކައުންސިލުން އެ ރަށުގައި ވޭސްޓްމެނޭޖްކުރުމުގެ ކަންކަން ކުރަމުންދާއިރު ރަށުގައި އުފެދޭ ޕްލާސްޓިކް ކުނި މާލެ ފޮނުވައި، އެ ރީސައިކަލްކުރުމަށް ކުރުމަށް ވެސް ދަނީ ފޮނުވަމުންނެވެ. އޭގެއިތުރުން ދެން އުފެދޭ އެހެން ބާވަތުގެ ކުނިން ގަސްކާނާ ހަދައި ވިއްކުމުގެ މަސައްކަތް ވެސް ކައުންސިލުން ދަނީ ކުރަމުންނެވެ.

މިއަދު ގިނަ ރަށްރަށުގައި ހަވީރު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެ އެވެ. ނަމަވެސް ދިގުރަށުގެ ރައްޔިތުން މިކަމަށް ބެހެއްޓި ހާއްސަކަމާއި ސަމާލުކަމަކީ ތައުރީފް ހައްގު މަސައްކަތެކެވެ. އެ ރައްޔިތުން ވަނީ ދިގުރަށުގެ އެކުވެރިކަން ވަރަށް ފުރިހަމައަށް ދައްކާލާފަ އެވެ.