އޭސީސީ

އަގު އޮޅުވާލާ މައްސަލަތަކުން ދައުލަތަށް 7.6 މިލިއަން ރުފިޔާ ލިބެންޖެހޭ

  • ހިޔާނާތަށް މަގުފަހިވާ ކަންކަން ހާމަކުރަން ފަސްޖެހޭ
  • ފައިސާ ނުދައްކާ ކުންފުނިތަކުން އާ ންފުނިތައް ހަދާ
  • ވިސްލް ބްލޯ ކުރާ ފަރާތްތައް ހިމާޔަތެއް ނުކުރެވޭ

މުދަލުގެ އަގު އޮޅުވާލައިގެން ރާއްޖެއަށް މުދާ އެތެރެ ކުރުމުގެ މައްސަލަތަކުން 7.6 މިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ކަސްޓަމްސްގެ ދާއިރާއާ ގުޅޭ ގޮތުން ހެދި ކޮރޮޕްޝަން ރިސްކް އެސެސްމަންޓު ރިޕޯޓުން ހާމަވެއްޖެ އެވެ.

ކޮރޮޕްޝަން ރިސްކް އެސެސްމަންޓް ރިޕޯޓު އާންމު ކުރުމަށް ކަސްޓަމްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ އެސެސްމަންޓުގައި ފާހަގަ ކުރެވުނު ކަންކަމުގެ މައްޗައް އަލިއަޅުވާލަމުން އޭސީސީގެ ރިސާޗް އޮފިސާ ފާތިމަތު އިބްނާ ވިދާޅުވީ 2012 އިން 2015 ވަނަ އަހަރާ ދެމެދު، އަގު އޮޅުވާލުމުގެ ސަބަބުން ކަސްޓަމްސް އިން 246 މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އަގު އޮޅުވާލައިގެން މުދާ އެތެރެ ކުރި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ލިބިފައި ނުވާތީ ޖޫރިމަނާ ނުކޮށް 195 މައްސަލައެއް ދޫކޮށްލި ކަމަށެވެ. ޖޫރިމަނާ ކުރި މައްސަލަތަކުގެ ތެރެއިން 12 މައްސަލައެއް އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވާ 11 މައްސަލައެއްގައި ދައުވާ ކުރެވިފައިވާ ކަމަށް ވެސް އިބްނާ ވިދާޅުވި އެވެ.

މުދަލުގެ އަގު އޮޅުވާލައި މަދުން ފައިސާ ދެއްކި މައްސަލަތަކަށް ބަލާއިރު އެ މުއްދަތުގެ ތެރޭގައި 7،635،882.81 ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށާއި އޭގެ ތެރެއިން 248،122.83 ރުފިޔާގެ މައްސަލަތަކުގައި ހިމެނޭ ފައިސާ ހޯދުމުގެ ޝަރީއަތްތައް ކޯޓުތަކުގައި ހިނގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ 5،295،968.17 ރުފިޔާ ހޯދުމުގެ މަސައްކަތް ވެސް ކަސްޓަމްސް އިން ކުރާ ކަމަށެވެ.

އޭގެ އިތުރުން ޖޫރިމަނާ ނުދައްކާ ކުންފުނިތަކުގެ ލައިސެންސް ހިފެހެއްޓުމުން އެ ފަރާތްތައް އެހެން ނަމެއްގައި ކުންފުނިތަކެއް ރަޖިސްޓްރީ ކޮށްގެން މުދާ އެތެރެ ކުރާކަން ކޮރޮޕްޝަން ރިސްކް އެސެސްމަންޓަށް ފާހަގަވި އެވެ. އަދި ވިސްލް ބްލޯ ކުރާ ފަރާތްތައް ހިމާޔަތް ކުރެވޭނެ އެއްވެސް އުސޫލެއް ނޯންނަ ކަމަށާއި އޭގެ ސަބަބުން ހިޔާނާތައް މަގުފަހިވާ ކަންކަން ހާމަ ކުރުމަށް އެ ފަރާތްތަކުން ފަސްޖެހޭ ކަން ވެސް ފާހަަގަކޮށްފައި ވެއެވެ.

ހިޔާނާތައް މަގުފަހިވާ ގޮތަށް ހުރި އިތުރު ކަންކަމުގެ ތެރޭގައި ކަސްޓަމްސްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދު ހެދިފައި ނުވުމާއި ފަންނީ މުއައްޒިފުން "ޖޮބް ރޮޓޭޝަން" އުސޫލުން މަސައްކަތް ނުކުރުމާއި ގުޅިފައިވާ ނެޓްވޯކްތަކެއް ގާއިމްކޮށްގެން މަސައްކަތް ނުކުރުން ހިމެނޭ ކަން އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

ކަސްޓަމްސް ދާއިރާގައި ފާހަގަވެފައިވާ ކަންކަން ފާހަގަކޮށް އޭސީސީ އިން ވަނީ އެކަންކަން ރަނގަޅު ކުރާނެ ގޮތުގެ ލަފާ ދީފައި ވެއެވެ.