ސިއްހަތު

އޭސީތައް ސާފުނުކޮށް ބަހައްޓައިގެން ވާކަށް ނެތް!

އެއާކޮންޑިޝަނާއަކީ ގާތްގަނޑަކަށް އަސާސީ އެއްޗެކެވެ. މާލޭގެ ހޫނު ވެށީގައި ބެދިފައި ހުންނަ ކުދި ކުދި ގޮޅިއަށް ފެތިގެން ދިރިއުޅޭ މީހުންނަށް ނޭވާލާނެ އޮކްސިޖަން ވެސް ރަނގަޅަށް ލިބެނީ އޭސީއެއް ހަރުކޮށްލީމަ އެވެ. ރަށްރަށުގައި ޖާގަ އޮތަސް ފިނިކުރަން އޭސީއެއް ހަމަ ބޭނުން ވެއެވެ.

މިހާ ބޭންތެރި އެއްޗަކަށް ވިޔަސް އޭސީތަކުން ވަރަށްް ނުބައި ނަތީޖާއެއް ވެސް ނުކުންނަ ހާލަތެއް އެބަ އޮތެވެ. އެއީ ރަނގަޅަށް ސާފު ނުކޮށް އެ ސިސްޓަމްތައް މުޅިން ދޫކޮށްލާފައި ބަހައްޓާގައި ހުންނަ ހާލަތެވެ. އެމެރިކާގެ ކެންސަސް ސްޓޭޓްގެ ސެލީނާ ނަމަކަށް ކިޔާ ރަށުގައިވާ ދަ ލޭންޑް އިންސްޓްޓިއުޓްގެ ސީނިއާ ސައިންޓިސްޓް ޑރ. ސްޓާން ކޮޒް ވިދާޅުވެފައި ވަނީ އެއީ ގޭގައި ނުވަތަ އޮފީހުގައި ހުންނަ ހާލަތު ރަނގަޅު ނޫން އޭސީ ތަކަކީ ތުރާލެއް ކަމަށެވެ.

"ރަނގަޅަށް މެއިންޓެއިން ނުކުރާ އޭސީ ސިސްޓަމެއް ގޭގައި ، އޮފީހުގައި ނޫނީ ވެހިކަލްގައި ހުންނަ ނަމަ އެ ސިސްޓަމް ކޮންޓެމިނޭޓް ވެ، ވަރަށް ނުރައްކާތެރި އެއްޗަކަށް ވެދާނެ،" ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ކެލިފޯނިއާގެ ޕަބްލިކް ހެލްތު ޑިޕާޓްމަންޓްގެ ޑރ. މާކް މެންޑެލް ވިދާޅުވެެފައި ވެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީ އިން ހިންގާ ލޯރެންސް ބާކްލޭ ނެޝަނަލް ލެބޯޓްރީގައި މަަސައްކަތް ކުރެއްވި އިރު މެންޑެލް ވަނީ އޭސީތަކުން ސިއްހަތަށް ލިބޭ ގެއްލުންތައް ދިރާސާކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ނޭވާ ހިއްލުމުގެ މައްސަލަ އިތުރަށް ގޯސްވުމާއި އެލާޖީ ތަކަކަކީ އޭސީއަށް މޫލާފައިވާ މައްސަލަތަކެކެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭސީތަކުން ސިއްހަތަށް ކުރިމަތިވާ މައްސަލަތައް ދިރާސާކުރަން މެދުވެރިވީ އެއީ ' ސިކް ބިލްޑިން ސިންޑްރޯމް' ގެ ނަންދީފައިވާ ގޮތް ނޭނގޭ ކަމެއް ފެތުރެން ފެެށުމުންނެވެ.

" އަހަރެމެންނަށް މިކަން ފެންނަން ފެށީ 1970 ގެ އަދި 80 ގެ އަހަރުތަކުގައި. އޮފީސް އިމާރާތްތަކުގައި އުޅޭ މީހުން ބުަނަން ފެށި މި އިމާރާތުގެ ސަބަބުން އެމީހުން ބަލިވަނީއޭ،" މެެންޑެލް ވިދާޅުވެގައި ވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ސިކް ބިލްޑިން ސިންޑްރޯމްގައި ފެންނަނީ އެއް އަލާމާތް އަނެއް އަލާމާތާ މާބޮޑު ގުޅުމެއް ނެތް އަލާމާތްތަކެވެ. އެއީ ނޭފަތް ބެދުން، ނޭވާލާން އުނދަގޫވުން، ބޮލުގައި ރިއްސުން، ވަރުބަލިވުން އަދި ގައިކެހުމެވެ. އޭނާ ކުރެއްވި ދިރާސާއިން ދައްކާ ގޮތުގައި މީގެ ގިނަ އަލާމާތްތައް ގުޅިފައި ވަނީ އޮފީސް އިމާރާތްތަކުގައިވާ އޭސީތަކާއެވެ.

" އެންމެ ބޮޑަށް ގަބޫލުކުރެވެނީ ބަައެެއް މީހުންނަށް ނުބައި އަސަރެއް ކުރުވާ ފަދަ މައިކްރޯ އޯގަނިޒަމްތަކެއް އޭސީ ސިސްޓަމްތަކުގެ އެތެރޭގައި ހެދެނީ ކަމަށް. އެކަމަކު އޭގެ އަސަރު ފަސޭހައިން ކުރަނީ ކިހާ މީހުންނަކަށް ކަމެއް، އަދި މިއީ ކިހާ ބޮޑު މައްސަލައެއް ކަމެއް އަދި ނޭނގޭ،" މެންޑެލް ވިދާޅުވެފައި ވެއެވެ.

ހޫނުކުރާ ނިޒާމުތަކާ ހިލާފަށް ހޫނު ވައި ފިނިކުރުމުގެ ގިނަ މިންވަރެއްގެ ތެތްކަމާއި ކޮންޑެންސޭޝަން އުފައްދާ. އެއީ ކޮންމެވެސް ގޮތަކުން ބޭރުވާން ޖެހޭ ބައެއް. ރަނގަޅަށް މަރާމާތުކޮށް ނުބަލަހައްޓާތީ ނުވަތަ ފަރުމާކޮށްފައިވާ ގޮތުގެ ސަބަބުން ނޫނީ ލިބިފައިވާ ގެއްލުމެއްގެ ސަބަަބުން އޭސީން އެކަން ރަނގަޅަށް ނުކުރަންޏާ ބެކްޓީރީއާއާއިި ފަންގި އާލާވާ ތަނަކަށް އޭސީ ބަދަލުވޭ،" އޭސީތައް މައްސަލައަކަށް ވާ ގޮތް ކިޔުއްވައި ދެއްވަމުން އޭނާ ވިދާޅުވެފައި ވެއެވެ.

އެކަމުން ދިފާއު ވުމަށް ކުރަން އޮތް ކަމަކީ އޭސީތައް ރަނގަޅަށް މަރާމާތުކޮށް، އަބަދުމެ ރަނގަޅު ހާލަތުގައި ބެހެއްޓުމެވެ.

ކަން މިހެން ހުއްޓަސް އޭސީ އަކީ ސިއްހަތަށް ބޮޑު ފައިދާއެއް ވެސް ކޮށްދޭ އެއްޗެއްކަމަށް މެންޑެލް ވިދާޅުވެއެވެ. އެގޮތުން ވައި ނުސާފު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ގެއިން ބޭރުގައިވާ ނުސާ ވައިގެ އަސަރު ކުރާ މިންވަރު ކުޑަކޮށްދެނީ އޭސީންނެެވެ. އަދި ހީޓް ވޭވެއް ފަދަ ކަމެއް މެދުވެރިވާ ހިނދު، ހޫނުގެ ސަބަބުން މީހުން މަރުވިޔަ ނުދިނުމަށް އެހީތެެރިވެދޭ އެއްޗަކަށް ވެސް އޭސީ ވެއެވެ. އެހެންވީމާ އޭސީތައް ނަގައި އުކައިލަންވީއެއް ނޫނެވެ. ކުރަންވީ ކަމަކީ ރަނގަޅަށް މަރާމާތު ކުރުމެވެ.

( މައުލޫމާތު ނެގީ 2015 ޖުލައި 1 ގައި ޓައިމްސް ނޫހުގެ ވެބްސައިޓުގައި ޝާއިއުކުރި ލިއުމަކުން)