ފާރިސް މައުމޫން

ފާރިސްއަށް މިހާރު ކުރާ ދައުވާ ސައްހައެއް ނުވާނެ: ވަކީލް

ދައުލަތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާ ދެކޮޅަށް ކޮށްފައިވާ ދައުވާ އެންމެފަހު ވަގުތު ބަދަލުކޮށްފައިވާތީ، އެއީ މިހާރު ސައްހަ ދައުވާއަކަށް ނުވާނެ ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފަށް މައުމޫން ހަމީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ފާރިސް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް ޕީޖީއިން ފާރިސްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ ކަމަށާއި އެހެންކަމުން ފާރިސްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ބަންދުކުރި ތުހުމަތުގައި ނޫންކަން އެނގެން އޮންނަ ކަމަށެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލުމަށްފަހު މި މަހުގެ 11 ވަނަ ދުވަހު ރިޝްވަތު ދިނުމުގެ ދައުވާއަށް ބަދަލުކޮށްފައި ވާކަން ކޯޓުން އެންގި ކަމަށާއި މިހާރު ޕީޖީއިން ހުށަހަޅާފައިވާ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ދީފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ދައުވާއެއް ނޫން ކަމަށެވެ.

އެހެންކަމުން ފާރިސްގެ މައްޗަށް ސައްހަ ދައުވާއެއް ކުރެވިފައި ނެތް ކަމަށް ގަބޫލުކުރެވޭތީ، ފާރިސް ވަގުތުން މިނިވަން ކުރުމަށް ވެސް ސިޓީގައި މައުމޫން ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތު ފާރިސްއަށް ފުލުހުން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއިދު ހޯދަން މަޖިލީހުގެ އެހެން މެންބަރުންނަށް ރިޝްވަތު ހުށަހެޅުމަށް އިސްވެ އުޅުނު ކަމަށް ބުނެ އެވެ.

މި މައްސަލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކޮށް މިހާރު ވަނީ ހުކުމް ވެސް ކޮށްފަ އެވެ. ގާސިމްގެ މައްޗަށް ކޮށްފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ފާރިސް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލެކެވެ. އަދި މިހާރުގެ ރައީސްލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކޮއްކޯފުޅެކެވެ.