ވިޔަފާރި

އުރީދޫ ނެކްސްޓް: ބޭނުންވާ ހުރިހާ ހައްލެއް!

ބޭނުންވާ މުހިންމު ގިނަ މައުލޫމާތުތަކެއް ލިބޭ ގޮތަށް، "އުރީދޫ ނެކްސްޓް" ގެ ނަމުގައި ހާއްސަ ހިދުމަތެއް މިއަދު ތައާރަފުކޮށްފި އެވެ.

އުރީދޫ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ "ޑިޖިޓަލް ދިވެހިރާއްޖެ" އަކަށް ރާއްޖެ ބަދަލު ކުރުމަށް އެހީވެދޭން އެ ކުންފުނިން ފަށާފައިވާ މަޝްރޫއުގެ މުހިންމު ބައެއްގެ ގޮތުގައި މިއަދު ތައާރަފުކުރި "އުރީދޫ ނެކްސްޓް" ގެ ސަބަބުން ދިވެހިންނަށް އިތުރު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ.

"ޑިޖިޓަލް ދިވެހިރާއްޖެ އެއް ފައްކާ ކުރަން އުރީދޫން ފުރަތަމަ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އެޅީ ސަބްމެރިން ކޭބަލް. އޭގެ ފަހުން ފޯޖީ އާއި އެމްފައިސާ ފަދަ ޑިޖިޓަލް ގިނަ ހިދުމަތްތަކެއް މިވަނީ ގެނެސްދީފަ،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫ އާއި މަޝްހޫރު ސިލިކަން ވެލީ ކުންފުނީގެ "ފާސްޓްފޯވާޑް. އޭއައި" ގުޅިގެން ފޭސްބުކް މެސެންޖާ މެދުވެރިކޮށް ގެނެސްދިން އެންޖޭޖްމަންޓް ޕްލެޓްފޯމު ބޭނުން ކުރަން ވަރަށް ފަސޭހަ އެވެ. މިކަމަށް ހާއްސަ އެޕްލިކޭޝަނެއް ބޭނުން ނުކޮށްވެސް ހަމައެކަނި ޖެހެނީ ފޭސްބުކް މެސެންޖާގެ ކެމެރާ އޮން ކުރުމަށްފަހު "ނެކްސްޓް" އަށް ފިއްތާލާށެވެ. މިއާއެކު އެކަމަށް ހާއްސަ މައުލޫމާތުތައް ލިބޭނެ އެވެ.

އުރީދޫގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ހެޑް އޮފް ކަސްޓަމާ ކެއާ ގުލްނާޒު މާހިރު ވިދާޅުވީ މި ހިދުމަތަކީ ހަމައެކަނި އުރީދޫ ކަސްޓަމަރުންނަށް އެކަނި ހާއްސަ ހިދުމަތެއް ނޫން ކަމަށެވެ.

"ރާއްޖޭގައި މޮބައިލްގެ ހިދުމަތް ބޭނުންކުރާ ހުރިހާ މީހުންނަށް ވެސް މި ހިދުމަތް ލިބޭނެ. ނަމަވެސް އުރީދޫގެ ކަސްޓަމަރުންނަށް މި ހިދުމަތް ހާއްސަ. ސަބަބަކީ އުރީދޫން ވާނެ ހިލޭ ފޭސްބުކް މެސެންޖާ ލިބޭ ހިދުމަތެއް ގެނެސްދީފަ. އެހެންވެ އުރީދޫގެ ކަސްޓަމަރުންނަށް ހިލޭ މި ހިދުމަތް ލިބޭނެ،" ގުލްނާޒު ވިދާޅުވި އެވެ.

އުރީދޫން ދަނީ ދިވެހިންނަށް ފަސޭހަ ގިނަ ހިދުމަތްތަކެއް ގެނެސްދެމުންނެވެ.