ހަބަރު

މެޑަމްއާއެކު މަޑުއްވަރީ ދާއިރާގެ ކެމްޕެއިން ޕީޕީއެމްއިން ފަށައިފި

އިލެކްޝަން ކޮމިޝަނުން ބައި އިލެކްޝަން އިއުލާންކޮށްފައިވާ މަޑުއްވަރީ ދާއިރާގެ ކެމްޕެއިން ޕީޕީއެމްއިން ފަށައިފި އެވެ. ކެމްޕެއިން ފަށާފައިވާއިރު މިހާރު މެޑަމް ފާތުމަތު އިބްރާހިމް ގެންދަވަނީ އެ ދާއިރާގެ ރަށްތަކަށް ދަތުރުފުޅު ކުރައްވަމުންނެވެ.

މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވަނީ މުހައްމަދު އަމީތެވެ. މިހާރު ސަރުކާރަށް ފާޑުވިދާޅުވަމުން އަންނަ އަމީތުގެ ގޮނޑި ސުޕްރީމް ކޯޓުގެ ނިންމުމަށް ރިޔާއަތްކޮށް ގެއްލިފައިވާ ކަމަށް ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ބައި އިލެކްޝަން ވަނީ އިއުލާންކޮށްފަ އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ފައިދާހުރި ގާނޫނުތައް ފާސްކުރުމަށް ހުސްވެފައިވާ ގޮނޑި ޕީޕީއެމްއަށް ލިބުން ވަރަށް މުހިންމު ކަމަށެވެ. އެ ގޮނޑި ކާމިޔާބުކުރުމަށް ޕީޕީއެމްއިން ކެމްޕެއިން ފެށި ނަމަވެސް ކެނޑިޑޭޓެއް އަދި ނެރެފައެއް ނުވެ އެވެ. އެކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލައި، އެއް ބޭފުޅަކަށްވުރެ ގިނައިން ޝައުގުވެރިކަން ފާޅުކޮށްފިނަމަ ޕްރައިމަރީއަށް ދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ފަލާހު ވިދާޅުވީ، މެޑަމް މަޑުއްވަރީ ދާއިރާގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅަކީ އެކަމަނާގެ އިޖުތިމާއީ ހިދުމަތްތަކުގެ ދަށުން ހިންގަވާ "އެންމެ ގާތުން" ކެމްޕެއިންގެ ދަށުން ދާއިރާގެ ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އިއްޔެ މެޑަމް ފާތުން މީދޫއަށް ވަޑައިގެންނެވިއިރު މިއަދު ވަނީ މަޑުއްވަރީއަށް ވަޑައިގެންފަ އެވެ. މީދޫގައި މިރޭ ހާއްސަ ޖަލްސާއެއް ވެސް ބޭއްވުމަށް ވެސް ޕީޕީއެމްއިން ވަނީ ނިންމާފަ އެވެ.

މެޑަމްއާއެކު މި ދަތުރުގައި މެންބަރު ފަލާހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ދުވާފަރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު އިސް ބޭފުޅުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ޕީޕީއެމްއިން މަޑުއްވަރީ ދާއިރާގެ ކެމްޕެއިން ފެށިއިރު އިދިކޮޅު ޕާޓީތަކުން އަދި އަމީތު ވެސް ދަނީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ވިދާޅުވަމުންނެވެ. އަދި ބައި އިލެކްޝަން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް މައްސަލަ ވެސް ވަނީ އިދިކޮޅު ޕާޓީތަކުން ހުށަހަޅާފަ އެވެ.