ހަބަރު

ފްލެޓު ލިބުނު މީހުންގެ ލިސްޓް ހޯދަން ސިޓީ ކައުންސިލުން އެދިއްޖެ

ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ވަނަވަރު އެނގޭ ގޮތަށް ހުރި ލިސްޓެއް ލިބޭނެ ގޮތް ހެދުމަށް މާލެ ސިޓީ ކައުންސިލުން ހައުސިން މިނިސްޓަރީ އަށް އެދިއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ސޮއި ކުރައްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ ވެށި ފަހު ޕްރޮގްރާމުގެ ދަށުން މާލޭގެ ރަށްވެހިން ގެދޮރަށް އެދި އެޕްލިކޭޝަން ހުށަހަޅަން ފަށާފައި ވަނީ 2010 ވަނަ އަހަރުގެ ތެރޭގައި ކަމަށާއި އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ފްލެޓު ދޭނެ ކަމުގެ ލިޔުންތައް ވެސް ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށެވެ. އޭރު ފްލެޓު ދިނުމުގެ ކަންކަން ކުރަމުން އަންނަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ލިބުނު ފަރާތްތަކާއި ނުލިބޭ ފަރާތްތައް ވެސް އެނގޭ ގޮތަކަށް ކަމަށާއި އޭގެ ސަބަބުން ޝަކުވާތައް މަދުވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ދާދި ފަހުން ފްލެޓު ލިބުނު ފަރާތްތައް އިއުލާން ކުރި މަތިން ޕޮއިންޓުތައް ލިބުނު މީހުންނަށް ނުލިބި މަދުން ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ލިބިފައިވާތީ ކަންބޮޑުވާ ކަމަށާއި އެކަމުގެ ޝަކުވާތައް ވެސް ވަރަށް ގިނައިން ލިބެމުން އަންނަ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އެހެންކަމުން ޝަރުތު ހަމަވެ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓެއް ކައުންސިލަށް ލިބޭނެ ގޮތް ހަމަޖައްސާދެއްވުން އެދޭ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ފްލެޓު ލިބޭ ފަރާތްތަކުގެ ވަނަވަރު ހާމަ ނުކުރާ މައްސަލާގައި މާދަމާ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއެއް ވަނީ ތާވަލުކޮށްފަ އެވެ. އެ ތަފްސީލުތައް ހާމަ ނުކުރާ މައްސަލަ ވަނީ އެންޓި ކޮރޮޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅާފަ އެވެ.