ހަބަރު

މެނިފެސްޓޯއަށް ވުރެ ތިންގުނަ އިތުރަށް ރައީސް މަސައްކަތްކޮށްފި: ފަލާހު

ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި ހުރި މަސައްކަތަކަށް ވުރެ އިތުރު ތިން ގުނަ މަސައްކަތް އެމަނިކްފާނުކޮށް ނިންމާފައިވާ ކަމަށް އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން ރ. މީދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ މި ގައުމުގެ ސިޔާސީ ބޭފުޅުންނަށް ވަރަށް އަގު ހުރި ފިލާވަޅުތަކެއް ނަގާދެމުން ކަމަށާއި އެއީ އެމަނިކްފާނުގެ ދެ ދައުރުގެ ވެރިކަމަށް ފަހު ދެން ވަޑައިގަންނަވާނެ ބޭފުޅުން އެގޮތަށް ވެރިކަން ކުރަން ދަސްކޮށްދިނުން ކަމަށެވެ. އަދި ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދު އެންމެ ފުރިހަމައަށް ހަރުދަނާ ކުރައްވަމުން ކަމަށް ފަލާހު ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރެއިން މިއަދާ ހަމަޔަށް އައިއިރު ރައީސް ޔާމީން ވަނީ މެނިފެސްޓޯގައި ހުރި ކަންކަމުގެ އިތުރަށް ތިން ގުނަ މަސައްކަތްކޮަށް ނިންމާފައި ކަމަށާއި އެކަމަށް ދިވެހި ހުރިހަ ރައްޔިތުން ފަހުރުވެރިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ޒައާމަތުގައި މިވީ ކުޑަ ދުވަސްކޮޅުގައި މިހާތަނަށްކޮށްފައި ހުރި މަސައްކަތަކީ އެމަނިކްފާނުގެ މެނިފެސްޓޯގައި އެކަނި ހުރި މަސައްކަތެއް ނޫން، އޭގެ ތިން ގުނަ މަސައްކަތްކޮށްދީފި، ނަސީބެއް ނޫންތޯ ރައީސް ޔާމީން މި ގައުމަށް އުފަންވިކަން، މުޅި ސަރަހައްދުގެ މީހުން އިގްތިސާދި ނަމޫނާއަކަށް ބައްލަވަނީ ރައީސް ޔާމީން، އަވައްޓެރި ގައުމުތަކުގެ މީހުންވެސް ތިބީ ރުޅިގަދަވެފަ ރައީސް ޔާމީން އެހާ ތަރައްގީ ގެންނަވާތީ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ހަސަދަވެރިވަނީ ރައީސް ޔާމީން ތަރައްގީ ގެންނަވާތީ ކަމަށާއި އެމަނިކްފާނު މަޖިލީހުގެ ތެރޭގައި ކުރައްވާ މަސައްކަތްތަކަށް ވެސް ހުރަސް އަޅަން މަސައްކަތް ކުރާނެ ކަމަށެވެ. އެހެންކަމުން ގެއްލިފައިވާ ގޮނޑިތަކަށް ޕީޕީއެމްގެ މެންބަރު ހޮވުމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް ފަލާހު ވިދާޅުވި އެވެ.