ހަބަރު

ސެޕްޓެމްބަރު 19 ފާހަގަ ނުކުރުމަކީ އަނިޔާއެއް: މޫސަ

Sep 19, 2017
12

ދެހާސް ތިން ވަނަ އަހަރު މާފުށީ ޖަލުގައި އަނިޔާވެރި ގޮތަކަށް އީވާން ނަސީމް މަރާލި ދުވަސް، ސެޕްޓެމްބަރު 19 ފާހަގަ ކުރުން ހުއްޓާލުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނިޔާވެރިކަން ހާމަވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރ. މީދޫގައި ޕީޕީއެމް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ މެންބަރުންގެ ފިކުރާއި ބުއްދިން އަނިޔާއަށް ކުރި މަސައްކަތްތައް ވަނީ "ޖައްވަށް ފަޒާއަށް ހަވަޔަށް" އަރައިގެން ގޮސް ނިމުމަކަށް އައިސްފައި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ތާރީހުގައި ހިނގި ކަންކަން އެއްވެސް މީހަކު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އަނިޔާ ކުރި މީހުންނާއި އެންމެ ކުރީއްސުރެއް ވައްކަން ކުރަމުން އައި މީހުންގެ މިހާރުވެސް އެބަތިބި ކަމަށެވެ.

އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެ ޕާޓީން މިހާރު އަނިޔާވެރިންނާއެކު މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ ޕާޓީ ހުރީ އީވާން ނަސީމް މަރާލިކަން ވެސް ހަނދާން ނެތޭ ހިސާބުގައި ކަމަށެވެ. އަދި ތާރީހުގައި މިއަދަކީ ރާއްޖޭގެ އެތަށް ރައްޔިތުންނަކަށް އަނިޔާދިން ދުވަހެއް ކަމަށެވެ. އެ ހުރިހާ އަނިޔާތައް މީހުންގެ ހިތުން ފިލައިގެން ނުދާއިރު، އެ ދުވަސް ފާހަގަ ކުރަން ނުކެރުނީ ރައީސް ނަޝީދު އަނިޔާވެރިޔަކަށްވުމުން ކަމަށް މޫސަ ވިދާޅުވި އެވެ.

"އަނިޔާވެރީ ރައީސް ޔާމީންއެއް ނޫން، އެމްޑީޕީގައި އެ ތިބީ އަނިޔާވެރިން، އަނިޔާގެ ވާހަކަދައްކާކަށް މިއަދު އެ މީހުން ލަދެއް ނުގަނޭތޯ، އެހެން މީހުންނާ ދިމާލަށް އަނިޔާގެ ވާހަކަދައްކާއިރު ހުރިހަ ބާޣީން ތިބީ އެމްޑީޕީގެ ކިހިލީގައި، ސެޕްޓެމްބަރު 20 ގައި ބަޑި ޖެހި މީހުން ތިބީ އެ މީހުންގެ ކައިރީގައި، އެ ގޮތަށް ރައްޔިތުންނަށް ހުރިހާ އަނިޔާއެއް ދީ ނިންމާފައި މިއަދު ކުރަމުން ގެންދާަ ކަމަކީ ރާއްޖޭގެ ތަރައްގީއަށް މި ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އަޅައިގެން ރައްޔިތުންނަށް އަނިޔާ ކުރުން، އަޅުގަނޑު އާދޭހާއެކު މި ދަންނަވަނި ތިތަނުން އެމްޑީޕީގެ ދިދަ ނަގާފައި އެހެން ދިދައެއް ޖައްސަވާ،" މޫސަ ވިދާޅުވި އެވެ.

އީވާން ނަސީމް މަރާލި ހާދިސާއަށް މިއަދު 14 އަހަރު ފުރޭ އިރު އެ ދުވަހުގެ އެ ހާދިސާއަކީ އިދިކޮޅު އެމްޑީޕީއިން ކޮންމެ އަހަރަކު ވެސް ފާހަގަކޮށް އެކަމުގެ އިންސާފަށް ގޮވާލާ ކަމެކެވެ. އެގޮތުން މާލޭގައި މުޒާހަރާ ކުރުމާއި ޖަގަހަ ޖަލްސާތަކުގައި ކުރީގެ ރައީސް މައުމޫންއަށް ވަރަށް ބޮޑަށް ކޮންމެ އަހަރަކު ވެސް ފާޑު ކިޔާ، ޖަލުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 އާ ކުރިމަތިލި އިރު ރައީސް މައުމޫން ވަނީ މިހާރުގެ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސް، އިދިކޮޅު ފަރާތްތަކާއެކު ސިޔާސީ ހަރަކާތަށް ނުކުންނަވާފަ އެވެ.

އީވާން ނަސީމް މަރާލި ދުވަހާ ގުޅިގެން އެމްޑީޕީން މިއަދު އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކުގެ ފޯނަށް ގުޅުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ. އެކަމާ ގުޅޭ ގޮތުން އެމްޑީޕީން ހިމޭނުން އޮތްއިރު އެމްޑީޕީން ކޮންމެ އަހަރަކު ފާހަގަކުރާ އޮގަސްޓު 12،13 ވެސް މި އަހަރު ފާހަގައެއް ނުކުރެ އެވެ.

ސިފައިން ތަޅައި އަނިޔާކޮށް އީވާން މަރާލީ ސެޕްޓެމްބަރު 19، 2003 ގައެވެ. ޖަލުގައި ބަޑިޖެހި ހާދިސާ އައީ ޖެހިގެން އައި ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ. އެ ދެ ހާދިސާ އަކީ ރާއްޖޭގެ އިސްލާހީ ހަރަކާތުން ފެށުން ކަމަށް ވަނީ ބެލެވިފަ އެވެ.