ހަބަރު

މިއަހަރު އެންމެ ގިނައިން ފޮނުވީ ކެންސަރުގެ ފަރުވާއަށް: އާސަންދަ

  • އަންނަ މަހު ކެންސަރުބަލީގެ ފަރުވާ ހުޅުމާލޭ ހޮސްޕިޓަލުގައި ފަށާނެ
  • އަހަރުގެ މިހާތަނަށް 1100 އަށް ވުރެ ކެންސަރަށް ފަރުވާއަށް ފޮނުވި
  • ހުސްނުވާ އާސަންދައިން އަހަރުގެ މިހާތަނަށް 3776 މީހުން ފޮނުވި

ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ދިވެހިން އެންމެ ގިނައިން ދާ ކެންސަރު ބައްޔާއި އެ ނޫން ވެސް ބައެއް ބޮޑެތި ބަލިތަކަށް ފަރުވާދޭން ހުޅުމާލެ ހޮސްޕިޓަލުގައި ފަށަން ތައްޔާރުވެއްޖެ އެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އާސަންދަ ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓަރު ހަސަން އަލީ ވިދާޅުވީ ރާއްޖޭން ބޭރުން ފަރުވާ ހޯދާ ނިސްބަތުން އެންމެ ގިނަ ބަޔަކު މިއަހަރު ފޮނުވީ ކެންސަރަށް ފަރުވާ ހޯދަން ކަމަށެވެ. އެގޮތުން 1100 އަށް ވުރެ ގިނަ މީހުން ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް މިއަހަރު މިހާތަނަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް މިއަހަރުގެ މިހައިތަނަށް ފޮނުވީ 3776 މީހުންނެވެ. އެއީ:
- ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް 1100،
- ލޮލުގެ ފަރުވާއަށް 363، ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާއަށް 307،
- ނާރުގެ ބަލިތަކުގެ ފަރުވާއަށް 227،
- ހަޖަމްކުރުމާއި ގޮހޮރުގެ ބަލިތަކަށް ފަރުވާ ކުރުމަށް 212
- ކަށީގެ ބަލިތަކަށް ފަރުވާކުރުމަށް 202
- ކިޑްނީ ގެ ބަލިތަކަށް ފަރުވާ ކުރުމަށް 198
- ހިތުގެ ބަލިތަކަށް ފަރުވާ ކުރަން 184
- ކުޑަކުދިންްގެ އެކި ބަލިތަކަށް ފަރުވާ ކުރުމަށް 180
- ކަރުން މަތީގެ ބަލިތަކަށް ފަރުވާ ކުރުމަށް 104 އެވެ.

ހަސަން އަލީ ވިދާޅުވީ ހުސްނުވާ އާސަންދަ ސްކީމުން މިއަހަރުގެ މިހާތަނަށް ހަރަދުކުރި ފައިސާގެ 20 ޕަސެންޓް ހަރަދުވީ ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް މީހުން ފޮނުވުމަށް ކަމަށެވެ. އެފަދަ ބަލިތަކަށް ރާއްޖޭން ފަރުވާ ކުރެވޭނެ އިންތިޒާމު މިހާރު ހަމަ ޖައްސަމުން އަންނަ ކަމަށާއި އަންނަ އޮކްޓޯބަރު މަހު ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރަށް ފަަރުވާދޭން ފަށާނެ ކަމަށެވެ.

"މިއަހަރު ތެރޭގައި އަޅުގަނޑުމެން މައިގަނޑު ހަތަރު ފަސް ބާވަތަކަށް، ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރެވޭނެ ނިޒާމާއި އިންތިޒާމުތައް ގާއިމް ކުރާނަން. އެއީ ކުރިން ދެންނެވިހެން ކެންސަރު ބައްޔާއި ހަޖަމު ކުރުމާއި ގޮހޮރުގެ ބަލިތަކަށާއި ކިޑްނީގެ ބަލިތަކަށާއި ކުޑަކަމުދާ ނިޒާމަށް ދިމާވާ އެކިއެކި ބަލި ތަކުގެ ފަރުވާ ކުރެވޭނެ ނިޒާމު. މީގެ ތެރެއިން އެންމެ އަވަހަށް އަޅުގަނޑުމެން ގާއިމްކުރާނީ ކެންސަރުބައްޔަށް ފަރުވާ ކުރެވޭނެ ނިޒާމު،" އަލީ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ އާސަންދަ ކޮމްޕެނީ ލިމިޓެޑުން ހިންގާ ހޮސްޕިޓަލެކެވެ.