ހަބަރު

ހުސްނުވާ އާސަންދައަށް މިއަހަރު 300 މިލިޔަން ރުފިޔާ ހަރަދުވި

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް "ހުސްނުވާ އާސަންދަ" އިން ދިން ހިދުމަތް ތަކަށް މިއަހަރުގެ މިހާތަނަށް 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހަސަން އަލީ ވިދާޅުވީ މިއަހަރު ހޭދަކުރި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހަރަދުވީ ބޭސް ފިހާރަތަކަށް ކަމަށެވެ. އެގޮތުން ހުސްނުވާ އާސަންދަ ސްކީމަށް ހަރަދުވީ ފައިސާގެ 26 ޕަސެންޓް ހަރަދުވީ ބޭސް ފިހާރަތަކަށް ފައިސާ ދެއްކުމަށް ކަމަށެވެ.

ހުސްނުވާ އާސަންދަ ސްކީމުން ދެން އެންމެ ގިނަ ފައިސާ ހަރަދުވީ ރާއްޖޭން ފަރުވާ ނުލިބޭ ބަލިތަކަށް ބޭރުގެ ހޮސްޕިޓަލުތަކުން ފަރުވާ ހޯދަން މީހުން ފޮނުވުމަށެވެ. އެކަމަށް ހަރަދުވީ މިއަހަރު ހަރަދުކުރި ފައިސާގެ 20 ޕަސެންޓެވެ.

ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން މިއަހަރު ފައިސާ ހަރަދުކުރި ކަންތައް ތަކަކީ:

- ރާއްޖޭން ބޭރުން ފަރުވާ ހޯދަން 3776 މީހުން ފޮނުވުން
- ރާއްޖޭގެ ހޮސްޕިޓަލުތަކުން ފަރުވާ ކުރުމާއި ފާމަސީތަކަށް ފައިސާ ދެއްކުން
- ކަނޑުމަގުން ބަލިމީހުން އުފުލުމަށް ކުރި 1403 ދަތުރު
- ވައިގެ މަގުން ބަލިމީހުން އުފުލުމަށް ކުރި 830 ދަތުރު

އާސަންދަ ކުންފުނިން ބުނީ ވައިގެ މަގުން މީހުން އުފުލުމަށް ކުރި ދަތުރުތަކުގެ ތެރެއިން 17 ދަތުރެއް ކޮށްފައި ވާނީ މޯލްޑިވިއަންގެ މަތިންދާބޯޓްތައް ޗާޓަރުކޮށްގެން ކަމަށާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެސް ހަ ދަތުރެއް ކުރި ކަމަށެވެ.

ރާއްޖޭން ބޭރުން ފަރުވާ ހޯދަން ފޮނުވި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ފޮނުވާފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. އެގޮތުން 1100 މީހަކު ( އެއް ފަހަރަށް ވުރެ ގިނަ ފަހަރު ފޮނުވި މީހުން ވެސް ހިމެނޭ ގޮތުން) ކެންސަރަށް ފަރުވާ ކުރުމަށް ފޮނުވިއެވެ.

ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް މިއަހަރުގެ މިހައިތަނަށް ފޮނުވީ 3776 މީހުންނެވެ. އެއީ:
- ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް 1100،
- ލޮލުގެ ފަރުވާއަށް 363، ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާއަށް 307،
- ނާރުގެ ބަލިތަކުގެ ފަރުވާއަށް 227،
- ހަޖަމްކުރުމާއި ގޮހޮރުގެ ބަލިތަކަށް ފަރުވާ ކުރުމަށް 212
- ކަށީގެ ބަލިތަކަށް ފަރުވާކުރުމަށް 202
- ކިޑްނީ ގެ ބަލިތަކަށް ފަރުވާ ކުރުމަށް 198
- ހިތުގެ ބަލިތަކަށް ފަރުވާ ކުރަން 184
- ކުޑަކުދިންްގެ އެކި ބަލިތަކަށް ފަރުވާ ކުރުމަށް 180
- ކަރުން މަތީގެ ބަލިތަކަށް ފަރުވާ ކުރުމަށް 104 އެވެ.

ހަސަން އަލީ ވިދާޅުވީ ހުސްނުވާ އާސަންދަ ސްކީމުން މިއަހަރުގެ މިހާތަނަށް ހަރަދުކުރި ފައިސާގެ 20 ޕަސެންޓް ހަރަދުވީ ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް މީހުން ފޮނުވުމަށް ކަމަށެވެ. އެފަދަ ބަލިތަކަށް ރާއްޖޭން ފަރުވާ ކުރެވޭނެ އިންތިޒާމު މިހާރު ހަމަ ޖައްސަމުން އަންނަ ކަމަށާއި އަންނަ އޮކްޓޯބަރު މަހު ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރަށް ފަަރުވާދޭން ފަށާނެ ކަމަށެވެ.

"މިއަހަރު ތެރޭގައި އަޅުގަނޑުމެން މައިގަނޑު ހަތަރު ފަސް ބާވަތަކަށް، ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރެވޭނެ ނިޒާމާއި އިންތިޒާމުތައް ގާއިމް ކުރާނަން. އެއީ ކުރިން ދެންނެވިހެން ކެންސަރު ބައްޔާއި ހަޖަމު ކުރުމާއި ގޮހޮރުގެ ބަލިތަކަށާއި ކިޑްނީގެ ބަލިތަކަށާއި ކުޑަކަމުދާ ނިޒާމަށް ދިމާވާ އެކިއެކި ބަލި ތަކުގެ ފަރުވާ ކުރެވޭނެ ނިޒާމު. މީގެ ތެރެއިން އެންމެ އަވަހަށް އަޅުގަނޑުމެން ގާއިމްކުރާނީ ކެންސަރުބައްޔަށް ފަރުވާ ކުރެވޭނެ ނިޒާމު،" އަލީ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ އާސަންދަ ކޮމްޕެނީ ލިމިޓެޑުން ހިންގާ ހޮސްޕިޓަލެކެވެ.