ހަބަރު

ޒިޔަތުގެ މައްޗަށް 30 ދައުވާއެއް، ޝަރީއަތް އާދީއްތާގައި

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލި ދައުވާގެ އަދަދު 30 އަށް އަރައިފި އެވެ. އެ މައްސަލާގައި ޒިޔަތުގެ މައްޗަށް މުޅިން ވެސް ކޮށްފައިވަނީ ރިޝްވަތުގެ ދައުވާ އެވެ.

އަލަށް ޒިޔަތުގެ މައްޗަށް އުފުލާފައިވާ 30 ދައުވާގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ފަށަން ކުރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ދައުވާ ޒިޔަތުގެ މައްޗަށް އުފުލާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އަނެއް ދައުވާތައް އުފުލާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.

ހިޔާނާތުގެ ދައުވާއެއް ސާބިތުވެ މިހާރު ވެސް ޒިޔަތު ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އަލަށް ޝަރީއަތް ފެށުމަށް ހަމަޖެހިފައިވާ 30 މައްސަލާގެ އިތުރުން ވެސް ޒިޔަތުގެ އިތުރު މައްސަލައެއް އާދީއްތަ ދުވަހަށް ކޯޓުގައި ތާވަލުކޮށްފައިވެ އެވެ. އެއީ މި އަހަރު ކުރީ ކޮޅު އޭނާގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ އެވެ. އެ ދައުވާގެ ޝަރީއަތް ފެށިތާ ވަނީ ދުވަސްތަކެއްވެފަ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ ގިނަ ދައުވާތަކެއް އުފުލާފަ އެވެ.