ލައިފްސްޓައިލް

ފްލައިޓުގައި ނިދާ މީހުން ބީރުވޭ!

Sep 21, 2017

އާންމުކޮށް 15 މިނެޓަށްވުރެ ދިގު ދަތުރެއް ކުރާނަމަ ގިނަ މީހުން ބަލަނީ ފްލައިޓަށް އަރާފައި އަވަހާ ނިދާލާށެވެ. ދަތުރު ކުރުކޮށްލަން އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ގިނަ މީހުންނަށް ގަބޫލުވެސް ކުރެވެ އެވެ. ނުވަތަ އެއް ތަނެއްގައި މަޑުމަޑުން ގިނަ އިރު ތިބެން އުނދަގޫވާތީ އެކަމުގެ ހައްލަކަށްވެސް ނިދި އިހްތިޔާރު ކުރަނީ އެވެ.

އެހެން ނަމަވެސް ހާވާޑް މެޑިކަލް ސްކޫލުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ފްލައިޓަށް އަރާ ނިދަން އަށަގެންފައި އޮންނަ އާދަ އެއްކޮށް ނައްތާލަން އެބަ ޖެހެ އެވެ. އެކްސިޑެންޓެއް ކުރިމަތިވެ ބޯޓުން ކުއްލި ގޮތަކަށް ފުންމާލަން ޖެހިދާނެތީ އެއް ނޫނެވެ. އެ ނިދިކޮޅުގެ ބޭނުމުގައި އަޑު އިވުމުގެ ހިއްސު ގުރުބާން ކުރަންވީ އެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި ފްލައިޓްގެ ދަތުރުމަތީގަިއ ނިދާއިރު ފްލައިޓްގެ އެލްޓިޓިއުޑަށް އަންނަ ބަދަލެއްގެ ސަބަބުން ދާއިމީ ގޮތަކަށް އަޑުއިވުމުގެ ހިއްސު ނެތިދާނެ އެވެ.

އެހެން ވާން މެދުވެރިވަނީ ކަންފަތުގެ ބޭރުގެ ޕްރެޝަރާއި ކަންފަތުގެ އެތެރޭގައި ޕްރެޝަރު ހުންނަ މިންވަރު ދިމާ ނުވުމުގެ ސަބަބުންނެވެ. އެންމެ ބޮޑަށް އެކަން މެދުވެރިވަނީ ބޯޓު ޖައްސަން ދާން ގަޑީގައި ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.

ފްލައިޓު ޖައްސަން އަންނަ ގަޑީގައި ނިދާފައި އޮވެއްޖެނަމަ ޕްރެޝަރަށް އަންނަ ކުއްލި ބަދަލަށް ތައްޔާރު ނުވެވި ކަންފަތުގެ ތެރޭގައި އިންނަ ޔުސްޓޭޝިއަން ޓީއުބު ބެދި އަޑު އިވުމަށް ހުރަސް އެޅޭނެ އެވެ. އޭގެ ސަބަބުން އެ ޓިއުބުގެ ބޭރު ފާރުވެ ކަންފަތުގައި މަޑު އުފެދި އިންފެކްޝަން އުފެދުމަށް މަގުފަހިވެ އެވެ. އަދި އޭގެ ސަބަބުން އިއާ ޑްރަމްގެ ކައިރީގައި ދިޔައެއް އުފެދި ކަންފަތުގައި ގަދައަށް ރިއްސާ ބީރުވާން ފަށަ އެވެ.

އެކަމަށް އަވަހަށް ފަރުވާއެއް ނުކުރެވިއްޖެނަމަ ކަންފަތުން ލޭ އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. އެހެން ކަމުން ފްލައިޓުގައި ނިދާ ނަމަވެސް ފްލައިޓް ލޭންޑް ކުރަން ކައިރިވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ހޭލާ ކެޕްޓަންގެ އިރުޝާދުތައް އަޑުއެހުން ބުއްދިވެރި އެވެ.