ވިޔަފާރި

އެލައިޑުން ގެސްޓްހައުސްތައް ޑަބްލިއުޓީއެމަށް ދާން ފުރުސަތެއް

މޯލްޑިވްސް ގެސްޓްހައުސް ކޮންފަރެންސަށް ގޮސް، ލަންޑަނުގައި އޮންނަ ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) ފެއާއަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އެލައިޑް އިންޝުއަރެންސުން ފަށައިފި އެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފަށާ ގެސްޓްހައުސް ކޮންފަރެންސަށް ގޮސް އެލައިޑުގެ އިންޝުއަރެންސް ރިނިއުކޮށްގެން ލަންޑަނުގައި އޮންނަ ޑަބްލިއުޓީއެމް ފެއާގައި ބައިވެރިވެރިވުމުގެ ފުރުސަތު ހޯދިދާނެ ކަމަށެވެ.

އެ ކުންފުނީގެ މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގެސްޓްހައުސް ކޮންފަރެންސަށް ދާއިރު، ކުންފުނީގެ ރަޖިސްޓްރީ އާއި އޯނަރުގެ އައިޑީ ކާޑު ކޮޕީ އަދި ގެސްޓްހައުސް ރަޖިސްޓްރޭޝަން ސެޓްފިކެޓެއް ގެންދަން ޖެހެ އެވެ. މީގެ އިތުރުން ގެސްޓްހައުސްގެ 15 ފޮޓޯ ގަނޑުގެ ސޮފްޓް ކޮފީ ގެންދިއުމުން ޕްރޮމޯޝަންގައި ބައިވެރިވެވެ އެވެ.

މި ޕްރޮމޯޝަންގެ ޕެކޭޖްގައި ލަންޑަނަށް ފެއާއަށް ދާން ލިބޭ ފަރާތަކަށް ޓިކެޓުގެ އިތުރުން 2100 އެމެރިކާ ޑޮލަރުވެސް ލިބޭނެ އެވެ. މި ޕްރޮމޯޝަންގައި އެލައިޑާއެކު "އެއާލައިން ޕާޓްނަރެއްގެ" ގޮތުގައި ބައިވެރިވަނީ ޓާކިޝް އެއާލައިން އެވެ.

ޑަބްލިއުޓީއެމް ފެއާ އޮތީ މި އަހަރުގެ ނޮވެމްބަރު މަހުގެ 6 އިން 8 ލަންޑަންގަ އެވެ. މި ފެއާއަކީ ޓޫރިޒަމް ދާއިރާގައި ދުނިޔޭގައި ބާއްވާ ދެވަނައަށް އެންމެ މަގުބޫލު ފެއާ އެވެ.