ވިޔަފާރި

ޕްރިންޓާއި އެޑްވަޓައިޒިންގެ ފުރުސަތުތަކާއެކު ފެއާ ހުޅުވައިފި

ރާއްޖޭން ލިބެން ހުރި ޕްރިންޓް އަދި އެޑްވަޓައިޒިންގެ ގިނަ ފުރުސަތުތައް ދައްކާލުމަށް ހާއްސަ ފެއާއެއް މިއަދު ހުޅުވައިިފި އެވެ.

ޕްރިންޓިން އެންޑް އެޑްވައިޒިން ޝޯ (ޕާސް) ގެ ނަމުގައި ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދާ މި ދާއިރާގައި ރާއްޖޭގައި ބާއްވާ ފުރަތަމަ ފެއާ ހުޅުވައި ދެއްވީ ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ރައީސް އިސްމާއީލް އާސިފެވެ.

ފެއާ ހުޅުވައި ދެއްވަމުން އާސިފު ވިދާޅުވީ ރާއްޖޭގައި ބާއްވާ އެހެން ފެއާތަކާ ހިލާފަށް ޕާސްއަކީ އުފެއްދުންތެރި ހިޔާލުތަކުގެ ގިނަ މަސައްކަތްތަކެއް އެއް ތަނަކުން ފެނިގެންދާ ފެއާއެއް ކަމަށެވެ.

"މިއީ ވަރަށް ގިނަ ޒުވާނުން މަސައްކަތް ކުރާ ގިނަ ޒުވާނުން މި ދާއިރާގައި އުޅޭ ކްރިއޭޓިވް ދާއިރާއެއް. މި ފެއާއަކީ އާޓްގެލަރީގައި ބާއްވަން އެންމެ ރަނގަޅު އެއް ފެއާ. މި ދާއިރާއަކީ ކްރިއޭޓިވިޓީ އާއި ހުނަރު މޮޅަށް ދައްކާލެވޭ ދާއިރާއެއް. މިއީ އިންވެސްޓްމަންޓުގެ އިތުރަށް އުފެއްދުންތެރިކަން ދައްކުވައިދޭ ދާއިރާއެއް. މިކަހަލަ ފެއާއެއް ރާއްޖޭގައި ބާއްވަން ލަސްވެސް ވެއްޖެ. މި ހިސާބުން މި ބަލަނީ އިތުރު ފެއާތަކާއި ވިޔަފާރިތައް ފުޅާވާނެ ކަމަށް،" އާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދާއިރާގެ ގިނަ މަސައްކަތްތަކަކީ ރާއްޖޭން ބޭރުން ކުރާ މަސައްކަތްތަކެއް ކަމަށާ، ނަމަވެސް އުންމީދަކީ ރާއްޖޭގައި މި މަސައްކަތްތައް ކުރުން ކަމަށެވެ.

"ރާއްޖޭގެ އާބާދީގެ ނިސްބަތުން ރާއްޖޭގައި ކަންތައް ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރޭ. މިސާލަކަށް ތަން. މިއީ އެންމެ ބޮޑު އެއް ގޮންޖެހުން. ރާއްޖޭގައި ޕްރިންޓް ކުރާ އަދަދު މަދުވީމަ ކައިރި ގައުމުތަކަށް އެއްޗިހި ޕްރިންޓް ކުރަން ދަނީ. އަގަށް އަންނަ ބަދަލަކުން. ނަމަވެސް މި ބަލަނީ ޕޮލިސީ ލެވަލްގައި މަސައްކަތް ކޮށްގެން މި ދާއިރާއިން އިތުުރު ފުރުސަތު ތަކެއް ހުޅުވައިލުން،" އާސިފު ވިދާޅުވި އެވެ.

ހައިރައިޒް އިން އިންތިޒާމުކޮށްފައިވާ ފެއާގައި ވާހަކަ ދައްކަވަމުން ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ ޕާސްއަކީ ޕްރިންޓިން އާއި އިވެންޓު ރާވާ މީހުން އަދި ސައުންޑް އެންޑް ލައިޓު ފަދަ ގިނަ ދާއިރާތަކެއް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެ ފެއާއެއް ކަމަށެވެ.

"އަޅުގަނޑުމެން ވާނީ މި ފެއާއަށް ޒިޔާރަތް ކުރުމަށް ގިނަ ފަރާތްތަކަކަށް ދައުވަތު ދީފައި. އުންމީދު ކުރަނީ މި ފަރާތްތަކުން ޒިޔާރަތް ކުރާނެ ކަމަށް،" ޝާމިން ވިދާޅުވި އެވެ.

ޕާސްގައި ބައިވެރިވާ ފަރާތްތައް

* ޕްރިންޓު ކުރާ ކުންފުނިތައް
* މާޗެންޑައިޒިން ހިދުމަތްދޭ ފަރާތްތައް
* ސުވެނިޔަ އުފައްދާ ކުންފުނިތައް
* އެޑް އެޖެންސީތައް
* އިވެންޓް ބާއްވާ ކުންފުނިތައް
* ފޮޓޯ ގްރަފަރުން
* މާކެޓިން އަދި ޕީއާރު ކުންފުނިތައް
* ފްރީލާންސް ޑިޒައިނަރުން
* މީޑިޔާ

ޕާސް ފޯކަސް ކުރަނީ ވިޔަފާރިތަކާއި ޓޫރިޒަމް އިންޑަސްޓްރީ އަދި އެފްއެންބީ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި ދާއިރާތަކާއި ތަފާތު އުފެއްދުންތެރި މަސައްކަތްތައް ކުރަމުން ގެންދާ ޒުވާނަށެވެ.

ޕާސް ފެއާގައި ބައިވެރިވެފައިވާ ރާއްޖޭގެ ބައެއް ކުންފުނިތަކުގެ ތެރޭގައި އިވެންޓު ރާވާ ތިންކާއި ބްލަކް އަދި ނޮވެލްޓީ އާއި އެމް7 އަދި ޕްރިންޓް ލެބްގެ އިތުރުން ވެސް ގިނަ ކުންފުނިތައް ހިމެނެ އެވެ.

ފެއާ ހުޅުވިފައި ހުންނާނެ ގަޑިތައް

* ސެޕްޓެމްބަރު 21: މެންދުރު ފަސް 14:00-18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00
* ސެޕްޓެމްބަރު 22: ހަވީރު 16:00-18:00 އަށް، އަދި 20:00-2200
* ސެޕްޓެމްބަރު 23: ހެނދުނު 10:00-18:00 އަށް