ހަބަރު

އެއާޕޯޓް ސެކިއުރިޓީގެ ކަންކަން ޑިފެންސް މިނިސްޓަރު ބައްލަވާލައްވައިފި

Sep 21, 2017
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަމުންދާ ގޮތް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި މިނިސްޓަރު ވަނީ ރާއްޖެއިން ބޭރަށް ފުރާމީހުންނާއި ރާއްޖެއަށް އަންނަ މީހުންނާއި އަދި މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމަ ގޮތުގައި އެޅިފައިވޭތޯ އާއި، އަމަލީ ގޮތުން އެކަންކަން ކުރެވެމުންދާ ގޮތް ބައްލަވާލައްވާފަ އެވެ. އެގޮތުން ފަތުރުވެރީންނާއި އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުން ސްކްރީން ކުރެވެމުންދާ ގޮތާއި ދަތުރުވެރީންގެ ލަގޭޖް އާއި އެމީހުން ގެންގުޅޭ އެކިކަހަލަ އިލެކްޓްރޯނިކްސް ގެޖެޓްސްތައް ބަލާ ފާސްކުރާގޮތް ވެސް މިނިސްޓަރު ބައްލަވާލެއްވިއެވެ.

މީގެ އިތުރުން ގާޑްޕޯސްޓްތަކާއި ޗެކް ޕޮއިންޓްތަކާއި ވައިގެމަގުން ރާއްޖެއަށް އެތެރެ ކުރެވޭ އަދި ބޭރު ކުރެވޭ މުދާ ސްކްރީން ކުރެވެމުންދާ ގޮތް ވެސް މިނިސްޓަރު ވަނީ ބައްލަވާ ލައްވާފައެވެ.

އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހި ރާއްޖެއާއި ބޭރު ދުނިޔެއާއި ގުޅުވައިދޭ މައި ދޮރާށި ކަމަށްވާއިރު، އެއާޕޯޓްގެ ސެކިއުރިޓީ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.