ވިޔަފާރި

އެލިޔާގެ އާއިލީ ވިޔަފާރި ރާއްޖޭން ބޭރަށް!

Apr 23, 2015

ރާއްޖޭގެ އެންމެ ޒަމާންވީ އެއް ކުންފުނި ކަމަށްވާ އެލިޔާ އިންވެސްޓްމަންޓުގެ ވިޔަފާރި ރާއްޖޭން ބޭރަށް ފުޅާ ކުރުމަށް ވިސްނަމުން ދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއްގައި އެލިޔާގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ ވިދާޅުވީ އެލިޔާގެ ސްޕެޝަލައިޒް ވިޔަފާރިތައް ރާއްޖޭން ބޭރަށް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅެމުން ދާ ކަމަށާއި، އެގޮތުން އެކަން ކުރުމަށް ހުރި މަގުތައް ބަލަމުންދާ ކަމަށެވެ.

" ގަސްތުކުރަނީ އަޅުގަނޑުމެންގެ ސްޕެޝަލައިޒިން އެއްޗިހި ރާއްޖޭން ބޭރަށް ގެންދިއުމަށް. ކަން ދިމާވާ ގޮތުން ރާއްޖެއަކީ މަޝްހޫރު ތަނެއް. ރާއްޖޭގައި މި ހުންނަ ބްރޭންޑްތަކަކީ ބޭރުގެ ބޮޑެތި ކުންފުނިތައް ދަންނަ، ރައްޓެހި ބައެއް. ހާއްސަކޮށް ލަންކާ، ސިންގަޕޯ އާއި ދުބާއީ މީހުންނަށް އެލިޔާ އޭ ބުނުމުން އެނގޭ މިހާރު،" އަލާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެލިޔާގެ ގޮތްޕެއް ރާއްޖޭން ބޭރުގައި ހެދުމުގެ ގޮތުން އެކަމަށް ހުރި ފުރުސަތުތައް ބަލަމުންދާ ކަމަށެވެ.

"ކަލްކިއުލޭޓް މި ކުރަނީ ކިހާވަރަށް ތޯ އެކަމަށް ފޯކަސްކުރާނީ މިކޮޅުގައި ހުރި މައި ވިޔަފާރިއަށް އަސަރު ނުކޮށް؟ އެކަމަށް އެކްސްޕްލޯ ކުރަމުން މި ދަނީ،" އަލާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ މުސްތަގުބަލަށް ބަލާއިރު، ހިއްސާދާރުން ނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތްތައް ބަލަން ޖެހޭ ކަމަށެވެ.

"ޓެކްސްތައް އައީމަ ވިސްނަން ޖެހޭ ޓެކްސްގެ އަސަރު ކުޑަކޮށް ފައިދާކުރާނެ ގޮތަކަށް ވެސް. އެހެންވީމަ ވިސްނަން ޖެހޭ ހިއްސާދާރުންނަށް ފައިދާވާނެ ގޮތަކާއި މެދު،" އަލާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ކުންފުންޏެއް ރާއްޖޭން ބޭރުގައި މަސައްކަތް ކުރުމަކީ ރާއްޖެއަށް ލިބޭނެ ޝަރަފެއް ކަމަށެވެ.

"ޔަންގް ޖެނަރޭޝަނެއްގެ ގޮތުގައި ވިސްނަން ޖެހޭ ދިވެހި ކުންފުނިތައް ބޭރަށް ގެންދަން. އަޅުގަނޑުމެން ހަމައެކަނި ވިސްނައިގެން ނުވާނެ ރާއްޖޭގެ ތިން ލައްކަ އާބާދީއަކަށް ހަމައެކަނި. ނޫނީ ހަމައެކަނި ޓޫރިޒަމަށް. ވިސްނަންވީ ރާއްޖޭން ބޭރަށް ދިވެހި ކުންފުނިތައް ގެންދަން. އެއީ ރާއްޖެއަށް ލިބޭ އުފަލެއް،" އަލާއު ވިދާޅުވި އެވެ.

އެލިޔާގެ ބައި ގަރުނިވީ ތާރީހުގައި ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ކ. ގިރާވަރުގެ މީހުން މާލެއަށް ބަދަލު ކުރުމުގެ ގޮތުން މާލޭގައި ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަސައްކަތާއި 1980 އިގެ އަހަރުތަކުގައި މާލޭގައި ފަސް ބުރިއަށް ހެދި ފުރަތަމަ އިމާރާތުގެ މަސައްކަތް ވެސް ކޮށްފައިވަނީ އެ ކުންފުނިން ނެވެ. މީގެ އިތުރުން ގައުމީ ފުޅުބޯޅަ ދަނޑާއި، މާލެ އަތޮޅުގެ ބައެއް ރިސޯޓުތައް އިމާރާތް ކުރުމުގެ މަސައްކަތްތައް ވެސް އެ ކުންފުނިން ކޮށްފައިވެ އެވެ. އަދި "ހޮޓެލް އެލިޔާ" އަކީ އެ ދުވަސްވަރު ރާއްޖޭގައި ހެދި އެންމެ ފުރިހަމަ އެއް އިމާރާތެވެ.

އަލާއު ވިދާޅުވީ ބައްޕަ، އަލީ އަބްދުﷲ (އެލިޔާ އަބްދުﷲ) އެ ކުންފުނި ކުރިއަށް ގެންދެވީ ދުރުވިސްނުމެއްގައި ކަމަށާއި، ޒުވާން މެނޭޖުމަންޓުން ވެސް އެ ފިލޯސަފީ ދަމަހައްޓާނެ ކަމަށެވެ.

"ބައްޕަމެން ވެސް ބުނޭ ރީޒަނަބަލް ވަރަށް އުޅޭށޭ ކުރިއަށް ޖައްސަން. އެކަމަކު މި ނުވާނެއޭ ހަމައެކަނި ކުރާ ކަމަކަށް. ބައްޕަމެން 20 ގަޑިއިރު މަސައްކަތް ކުރައްވާ!.. އެހެންވީމާ ބޭނުންވަނީ އެ ފިލޯސަފީ ގެންދަން،" އަލާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައްޕަގެ ފިލޯސަފީ ހިފެހެއްޓުމަކީ އެ ކުންފުނި "ސްޓޭބަލް" ވުމުގެ އެއް ސަބަބު ކަމަށެވެ.

" ބޭންކު ތަކުން ލޯނުތަކާ އެއްޗިހި ނަގައިގެން ވިޔަފާރި މާބޮޑަށް ފުޅާ ކުރަން އުޅުމުން ފުޅާވެދާނެ. އެކަމަކު އޭރުން ގެއަށް ގޮސް ރަނގަޅަށް އޮވެވޭނީއަކީ ނޫން. އިރުކޮޅަކުން މީހަކު ގުޅާފައި ބުނެފާނެ ލާރިކޮޅު ކޮބާ ހޭ؟ އެހެން ކުންފުނިތަކާ ބަލާއިރު އަޅުގަނޑުމެންނަކީ އިރާދަކުރެއްވިއްޔާ ވަރަށް ސްޓޭބަލް ކުންފުންޏެއް. އަޅުގަނޑުމެން ލޯނެއް ނުނަގަން. ލޯނު ނަގާނަމަ ވިޔަފާރި ދަށްވާ ދުވަސްވަރު އެއީ ގެއްލުން ހުރި ކަމެއް. މީގައި ދީނީ ބައި ވެސް އޮވޭ ދަސްކޮށްދީފައި،" އަލާއު ވިދާޅުވި އެވެ.