މީހުން

ޕައުލޯ ކުއެލޯ: ލިޔުންތެރިކަމުގެ ދުނިޔެ ދުށް "އަލްކެމިސްޓް"

ލިޔުންތެރިކަމަށް ޝައުގުވެރިވާ ނަމަ މިއީ ކޮންމެހެން ވެސް އެނގެން ޖެހޭ ނަމެކެވެ. މީހުން ބުނަނީ މިހެންނެވެ. ޕައުލޯ ކުއެލޯ އަކީ ކާކުކަން އެނގެން ޖެހޭނެ އެވެ. އޭނާގެ އެންމެ މަޝްހޫރު ފޮތް ކަމުގައިވާ "ދަ އަލްކެމިސްޓް" އޮންނަން ވާނީ ކިޔައިފަ އެވެ.

ބްރެޒިލްގެ މި އާދަޔާހިލާފު ލިޔުންތެރިޔާގެ މަސައްކަތްތަކަށް "ދުނިޔޭގެ ހިތް" ބަންޑުންވެފައި ވަނީ މިފަދައިންނެވެ. އޭނާ އަކީ ކިޔުންތެރިންނަށް "ޑާލިންއެކެވެ".

ނަމަވެސް އެންމެ ކުރިން "މޮޔައެކެވެ." ޕައުލޯ ކުއެލޯގެ ވާހަކައިގެ ޝައުގުވެރިކަން އިތުރަށް ބޮޑުވެގެންދާ އަނެއް ސަބަބަކީ މިއީ އެވެ.

ސިކުނޑި ހަމަނުޖެހޭ މޮޔައެއް ކަމަށް ބުނެ އެތައް އަހަރެއް ވަންދެން މެންޓަލް އަސައިލަމްއެއްގައި ބަންދުކޮށްފައި އޮތް މީހަކު އެންމެފަހުން ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ މޮޅު ލިޔުންތެރިންގެ ސަފަށް އެރީ އެވެ.

އެހެންވީމަ، ކުއެލޯގެ ވާހަކަ ފަށަންވީ ކޮން ދިމާލަކުން ހެއްޔެވެ؟ އޭނާ މޮޔައަކަށް ބަދަލުވި ހިސާބުން ފަށަމާ ހިނގާށެވެ.

ނަމަވެސް އޭގެ ކުރިން، އޭނާގެ ފޮތެއްގައި "މޮޔަވުން" ނުވަތަ "މޮޔަކަން" ސިފަކޮށްދީފައިވާ ގޮތުގެ ހުލާސާ ލިޔުންކޮޅެއް ވެސް ހިމަނާލާނަމެވެ. މިއީ އޭނާގެ ފޮތް "ވެރޮނިކާ ޑިސައިޑްސް ޓު ޑައި" ގައި އޭގެ ކެރެކްޓާއަކު ކިޔައިދޭ އިބްރަތްތެރި ވާހަކަ އެކެވެ.

އެ ވާހަކައިގައި ކިޔައި ދެނީ ރަސްކަލަކާއި އޭނާގެ ގައުމުގެ މީހުންގެ ވާހަކަ އެވެ. އަދި ނުބައި ނުލަފާ ސިހުރުވެރިއެއްގެ ވާހަކަ އެވެ. ސިހުރުވެރިޔާ ސިހުރެއް ހަދާފައިވާ ވަޅަކުން ގައުމުގެ އެންމެން ފެން ބޮއެގެން މޮޔަގޮވަން ފަށަނީ އެވެ. އެމީހުންނާ އެކު ރަސްގެފާނުގެ ސިފައިންނާއި ބާރުތަކުގެ ވެރިން ވެސް އެ ވަޅުން ފެން ބޮއެގެން މޮޔަވަނީ އެވެ.

އެއަށް ފަހު ގައުމުގެ މީހުން ދެން ބުނަން ފަށަނީ ރަސްގެފާނާއި ރަސްގެފާނުގެ އަނބިކަނބަލުން މޮޔަވެއްޖެ ކަމަށެވެ. އެއީ ވަޅުން ފެން ބޮއެގެން އައިސް ރައްޔިތުން ގޮވަމުން ދިޔަ މޮޔަ ވާހަކަތަކާ ދެކޮޅަށް ރަސްގެފާނު އަޑު އުފުއްލެވުމުންނެވެ.

އެންމެފަހުން ރަސްގެފާނާއި އޭނާގެ އާއިލާގެ އެންމެން ވެސް އެ ވަޅުން ފެން ބޮއެގެން ރައްޔިތުންނާ އެކު "މޮޔަވަނީ" އެވެ. ވެރިކަން ވައްޓާލަން ނުކުން މީހުން އެނބުރި ގެއަށް ދަނީ އެ ހިސާބުންނެވެ.

މިއީ ޕައުލޯ ކޮއެލޯ ވެސް "މޮޔައަކަށް" ބަދަލުވި ގޮތެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތާ ދެކޮޅު ހިޔާލަކަށް ފެންދީ ބޮޑުކުރަން ފެށީ އެވެ.

ފުރާވަރަށް އަރައިގެން އައިއިރު ކޮއެލޯ ބޭނުންވީ ލިޔުންތެރިޔަކަށް ވާށެވެ. މައްސަލަ ގޯސްވި ހިސާބަކީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާގެ މަންމަގެ އެހީ އަށް އެދުނު ހިސާބެވެ.

ޕައުލޯ ކޮއެލޯގެ ބައްޕަ އަކީ ދުނިޔެ އަށް ލޯ ހުޅުވައިގެން އިން އިންޖިނިއަރެކެވެ. މަންމަ ދިން ނަސޭހަތަކީ މިއީ އެވެ. ލިޔުންތެރިޔަކަށް ވެގެން މުސްތަގުބަލެއް ނެތް ވާހަކަ އެވެ. ހާއްސަކޮށް ބްރެޒިލް ފަދަ ގައުމެއްގައި ލިޔުންތެރިޔަކަށް މުސްތަގުބަލެއް ނެތް ވާހަކަ އެވެ.

މި ވާހަކައާ ދެކޮޅު ހަދައި މަންމަމެން ބޭނުންވި މަގުން ހިނގަން އޭނާ ދެކޮޅު ހެދި ހިސާބަކީ އޭނާގެ ސިކުނޑި އަށް ފަރުވާކުރަން ޖެހޭ ކަމަށް ނިންމައި މެންޓަލް އިންސްޓިޓިއުޓަކާ ހަވާލުކުރި ހިސާބެވެ.

އުމުރުން 17 އަހަރުގައި އޭނާ މޮޔައިންގެ މަރުކަޒަކާ ހަވާލުކުރީ ކުރިއަށް ނެރުނު ހިޔާލު އޭނާގެ ސަގާފަތާއި އާދަކާދައާ ފުށުއެރީމަ އެވެ.

ތިން ފަހަރެއްގެ މަތިން އޭނާ "މޮޔައިންގެ މަރުކަޒުން" ފިލި އެވެ. ނަމަވެސް އެންމެފަހުން މިނިވަންވީ އުމުރުން 20 އަހަރުގަ އެވެ. އެއަށް ފަހު ލިޔުންތެރިޔަކަށް ވުމަށް ދުށް ހުވަފެން ދޫކޮށްލާފައި މަންމަމެން ބޭނުންވި މަގުން ގޮސް ގާނޫނީ ދާއިރާ އިން ތައުލީމު ހާސިލުކުރަން ފެށީ އެވެ.

ނަމަވެސް އޭގެ އެއް އަހަރު ފަހުން "ހިޕީ މޫވްމަންޓް" ގައި ޖެހި ދުނިޔެ ބެލުމަށް އެކި ގައުމުތަކަށް ދަތުރުކުރަން ފެށީ އެވެ. މަސްތުވާތަކެއްޗާއި އުފާކުރުމުގެ ތެރެއަށް ވަދެ ޕައުލޯ ކޮއެލޯ ގެއްލުނީ އެވެ.

އެއަށް ފަހު އޭނާ ބްރެޒިލް އަށް އެނބުރި ގޮސް ލިޔަން ފެށީ ލަވަ އެވެ. އޭރު ބްރެޒިލްގައި އޮތް ސަރުކާރާ ދެކޮޅަށް ލިޔުނު ލަވަތަކެއްގެ މައްސަލާގައި އޭނާ ހައްޔަރު ވެސްކޮށްފައިވެ އެވެ.

އޭގެ ފަހުން އޭނާގެ ހަގީގީ ހުވަފެނުގައި ކުލަ ޖެހި، ލިޔުންތެރިއެއްގެ ގޮތުގައި ހަމަޖެހިލުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގަ އާއި އެކްޓަރެއް އަދި ތިއޭޓާ ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އެވެ.

ލިޔުންތެރިކަމަށް ހުސްވެގެން އޭނާ ނެރުނު ފުރަތަމަ ފޮތަކީ 1987 ވަނަ އަހަރު ނެރުނު "ދަ ޕިލްގްރިމޭޖު" އެވެ. މިއީ ދިރިއުޅުމުގެ މަގުސަދު ހާސިލުކުރުމަށް ނުވަތަ އެ މަގުސަދަކީ ކޮބައިތޯ ދެނެގަތުމަށް އޭނާ ފައިމަގުގައި ކުރި 500 އެތައް މޭލެއްގެ ދިގު ދަތުރެއްގެ ވާހަކަ އެވެ.

މި ފޮތަކީ އޭރު މާ ބޮޑު މަޝްހޫރުކަމެއް އަދި ސަމާލުކަމެއް ވެސް ލިބުނު ފޮތެއް ނޫނެވެ. ނަމަވެސް ޖެހިގެން އައި އަހަރު އޭނާ ނެރުނު ފޮތާ އެކު މުޅި ދުނިޔެ ޕައުލޯ ކޮއެލޯ އަށް "ސަޖިދަކުރީ" އެވެ.

އެއީ "އަލްކެމިސްޓް" އެވެ.

އޭގެ ކުރި މަރާނުލައި ކުރު ހުލާސާއެއް ދިނުމަށް ދެ ތިން ރޮނގެއް އަޅާލެވޭތޯ ބަލާލާނަމެވެ. މިއީ ސަންތިއާގޯ ނަމަކަށް ކިޔާ ފިރިހެން ކުއްޖެއްގެ ވާހަކަ އެވެ. އޭނާ އަކީ ޝެޕަޑެކެވެ.

ވާހަކައިގައި ކިޔައި ދެނީ ރަނުގެ ބޮޑު ހަޒާނާއެއް ހޯދުމަށް އަންދުލަސް އިން މިސްރަށް އޭނާ ކުރާ ދިގު އަދި އެހާމެ ގޮންޖެހުންތައް ގިނަ ދަތުރެއްގެ ވާހަކަ އެވެ.

މިއީ މުނިފޫހިފިލުމަށް ކިޔައި އުޅޭ ވައްތަރުގެ ވާހަކަ އަކަށް ވުރެ ބޮޑަށް، ވާހަކަ ކިޔާ މީހާގެ ހިއްސުތައް ހޭލައްވާލައިގެން އެ މީހާ އަށް ދުނިޔަވީ ފިލާވަޅުތަކެއް ނުވަތަ އިބްރަތްތެރި ވާހަކަތަކެއް ކިޔައިދޭ ފޮތެކެވެ. ވާހަކައިގައި ބުނަނީ، ހިތުގެ އެންމެ ފުންމިނުން ކަމަކަށް އެދި މަސައްކަތްކޮށްފި މީހެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މުޅި ކާއިނާތު ވެސް ރޭވުންތައް ރާވައި އެހީވާނެ ކަމަށެވެ.

މި ފޮތާ އެކު ޕައުލޯ ދުނިޔެ އަށް މަޝްހޫރުވި ނަމަވެސް އެންމެ ފުރަތަމަ މިއީ ވެސް މާ ގިނަ ބަޔަކަށް ކަމުދިޔަ ވާހަކައެއް ނޫނެވެ. އަދި ފާޑުކިޔުންތެރިން ވެސް އެ ފޮތަކަށް ތައުރީފުކޮށް ޕޮޒިޓިވް މާކެޓިންއެއް ވެސް ލިބުނު ވާހަކައެއް ނޫނެވެ.

އެންމެ ފުރަތަމަ މި ފޮތް ބްރެޒިލްގައި ޕޯޗުގީޒު ބަހުން ޕްރިންޓްކޮށްގެން ވިކުނީ އެންމެ 900 ކޮޕީ އެވެ. ފޮތަށް އެދެވޭ ތަރުހީބެއް ނުލިބުމުން ފޮތުގެ އިތުރު ކޮޕީތަކެއް ޕްރިންޓްކޮށްދޭނެ މީހަކު ވެސް ނުވީ އެވެ.

ފޮތުގެ ވާހަކަ މީހުން ދައްކަން ފެށީ ފްރާންސްގެ ޕަބްލިޝިން ހައުސް އަކުން 90ގެ ކުރީކޮޅު މި ވާހަކަ އަލުން ޕްރިންޓްކޮށްގެން ނެރުމުންނެވެ. އެހިސާބުން މި ވާހަކަ އިނގިރޭސި ބަހަށާއި އެހެން ބަސް ބަހަށް ވެސް ތަރުޖަމާ ކުރަން ފެށީ އެވެ.

އެގޮތުން މިހާތަނަށް 65 މިލިއަނަށް ވުރެ ގިނަ ކޮޕީސް ވިކި 56 ބަހަށް ތަރުޖަމާކޮށްފައިވާއިރު މިއީ ދިރިހުރި ލިޔުންތެރިއެއްގެ ފޮތެއް މިހާ ގިނަ ބަސްބަހަށް ތަރުޖަމާކުރެވުނު ފުރަތަމަ ފަހަރު ވެސްމެ އެވެ.

މި ވާހަކައިގެ މައްޗަށް ފިލްމެއް އުފެއްދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.