ދުނިޔެ

ޔަމަންގައި ވެގެން އުޅޭ ގޮތް އެނގޭތަ؟

ހޫތީ ހަނގުރާމަވެރިންނޭ ކިޔުނު ބަޔަކާ އެކު ޔަމަން މި ވަނީ ގެއްލުންބޮޑު ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފަ އެވެ. ޔަމަން އަނދަމުންދާއިރު މި އަލިފާންގަނޑު އެ ދަނީ މިހާރު ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ފެތުރެމުންނެވެ. ދާޚިލީ ހަނގުރާމައެއްގެ ތެރެއިން މަޒުހަބީ ލޭ އޮހޮރުވުމަކަށް ދޮރުހުޅުވިފައިވާއިރު ސައޫދީ އަރަބިއްޔާއާ އެކު ސަރަހައްދުގެ ސުންނީ އެހެން ބާރުތައް ނުކުމެ ޔަމަން ހިފާފާނެހެން ހީވާ ވަރަށް މައްސަލަ މިހާރު އޮތީ ހޫނުވެފަ އެވެ.

އެހެންވީމަ މި ގަމުގައި މި ވަނީ ކިހިނެތް ހެއްޔެވެ؟ ޔަގީނަށް ވެސް އެންމެނަށް އެނގޭ ކަމަކީ މި ލޭ އޮހޮރުވުން ބޮޑު ޑްރާމާގެ އެންމެ މުހިންމު ރޯލެއް ކުޅެމުން ގެންދަނީ ހޫތީ ހަނގުރާމަވެރިން ކަމެވެ.

މިއީ ޝިއައީން ދީނީ ގޮތްޕެއް ކަމުގައި ބެލެވޭ ޒައީދީންގެ ތެރެއަށް ނިސްބަތްވާ ބައެކެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ ޝިއައީ މުސްލިމުންނެވެ. މި މީހުންގެ ބާރު ޔަމަނުގައި ޒަމާނުއްސުރެ ގަދައީ އެ ގައުމުގެ އުތުރު ބިތުގަ އެވެ.

ޔަމަނުގެ ދެކުނު ބިތުގެ އަހުލުވެރިންނަކީ ސުންނީ މުސްލިމުންނެވެ. ނަމަވެސް ގައުމު މިފަދަ ގޮތަކަށް ދެ ފަޅިއަކަށް ފަޅައިގެން ގޮސްފައި އޮތް ނަމަވެސް ޔަމަނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސްލަކީ ދީނީ ގޮތުން އުފެދިފައި އޮތް ހިޔާލުތަފާތުވުމެއް ނޫނެވެ.

މައި ސަރުކާރުން ގެންގުޅޭ ތަފާތުކުރުމުގެ މައްސަލަ އެވެ. ހޫތީން ގަބޫލުކުރާ ގޮތުން މައި ސަރުކާރުން ވަނީ އެމީހުންނަށް އިހާނެތިކޮށް ހިތަށް އެމީހުން ބާކީކޮށް އެމީހުން ހައްގުތަކުން ނިގުޅައިގަނެފަ އެވެ. ފާހަގަކޮށްލަން ޖެހެނީ ހޫތީންނަކީ އެއް އިރެއްގައި ވެސް ޔަމަނުގެ މައި ސަރުކާރާ ގުޅުން ރަނގަޅުވި ބައެއް ނޫން ކަމެވެ.

ހޫތީންގެ ނުރައްކާ މިފަހުން ބޮޑުވީ 2011 ވަނަ އަހަރު މަޝްހޫރުވި އަރަބް ސްޕްރިންގްގެ ރޯޅީގައި ޖެހި ޔަމަނުގެ ހުދުމުހުތާރުވެރިޔާ އަލީ އަބްދުﷲ ސާލިހްގެ ވެރިކަން ވައްޓާލުމުންނެވެ. ސާލިހްގެ ވެރިކަން ވައްޓާލުމުގައި ހޫތީންނަކީ މުހިންމު ރޯލެއް އަދާކުރި ބައެކެވެ.

ނަމަވެސް އެމެރިކާގެ އެހީއާ އެކު އެންމެފަހުން ޔަމަނުގައި ވަގުތީ ސަރުކާރެއް ގާއިމުކުރިއިރު މި ޓްރާންސިޝަނަލް ސަރުކާރުން ހޫތީންނަށް އެއްވެސް ގޮނޑިއެއް ނުލިބުނެވެ. ފަހަރެއްގައި ހޫތީންނާއި އީރާނާ އޮތް ގުޅުން ބޮޑުވީމަ އެވެ.

ޔަމަނުގެ ވެރިކަމެއްގައި ޝިއައީންގެ ބާރުގަދަވެއްޖެ ނަމަ އީރާނުގެ ބާރުގަދަކުރަން ފަސޭހަވާނެ އެވެ. އެއީ އެމެރިކާ އާއި ސައޫދީ ފަދަ ގައުމުތަކަށް ކަމުދާ ކަމެއް ނޫނެވެ.

ކޮންމެއަކަސް ސާލިހްގެ ވެރިކަމަށް ފަހު ގާއިމުކުރި ސަރުކާރާއި އިންތިހާބުކުރި ސަރުކާރުން ވެސް ހޫތީންނަށް ލިބުނު މޮޅެއް ނެތުމުން އެމީހުން އަނެއްކާވެސް ނެތީ ހަތިޔާރެވެ. މައްސަލަ އިތުރަށް ހޫނުވީ މި ހަނގުރާމަވެރިން ނުކުމެ ވެރިރަށް ހިފައި، ސަރުކާރު ވައްޓާލައި ވެރިންތައް ފައްސާލުމުންނެވެ.

މި މީހުންނަކީ އެންމެ ފުރަތަމަ ހަތިޔާރު ނަގައިގެން މީހުންނަށް ބިރު ދައްކައި ލޭ އޮހޮރުވަމުން ދުވި ބައެއް ނޫނެވެ. ހޫތީން ކުރިން މަޝްހޫރުވެފައި ވަނީ ސުލްހަޔަށް ނިކަން ލޯބިކުރި ބައެއްގެ ގޮތުގަ އެވެ.

ޔަމަނުގެ ސަރުކާރުން އެމީހުންނާ ދެކޮޅަށް ނެރުނު ތަފާތުކުރުމުގެ ސިޔާސަތާ އެކު އެމީހުން އެންމެފަހުން އަނިޔާވެރިންނަށް ބަދަލުވީ އެވެ. މިއަދު ޔަމަނުގައި އޮތް އަސްކަރިއްޔާ އަށް ވުރެ ވެސް މި ހަނގުރާމަވެރިންގެ ބާރުގަދަ އެވެ.

ކުރިން ހޫތީން ޔަމަނުގައި "އެއްޗަކަށް ނުވިޔަސް" މިއަދު އެމީހުން ވަނީ ޔަމަނުގެ ކޮންމެ ނިންމުމަކަށް ވެސް ނުފޫޒު ފޯރުވޭ ވަރުގެ ބާރުގަދަ ބައިގަނޑަކަށް ބަދަލުވެފަ އެވެ. އަނެއްކޮޅުން ޔަމަނުގެ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ހޫތީންނަށް ބައިއަތު ހިފައިފަ އެވެ.

އެހެންވީމަ އެމީހުންހާ ބާރުގަދަ ބަޔަކު ޔަމަނުގައި މިހާރު ނެތޭ ބުނެވިދާނެ އެވެ.

ދެން ވާނެ ގޮތް މި ފެންނަނީ އެވެ. ޝިއައީންގެ ބާރުގަދަވާ މަންޒަރު ބަލަން ސުންނީން ނުތިބޭނެކަން އަޅުގަނޑުމެން ހުރިހައި ސުންނީންގެ ބެލެނިވެރިޔާ ސައޫދީ އިން އެ ގެންދަނީ ދައްކަމުންނެވެ.

އަނެއްކޮޅުން ޝިއައީންގެ ބެލެނިވެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ އީރާން ވެސް އެ އޮތީ އެމީހުންގެ ފެންވަރު ދައްކާލުމަށް ކެތްމަދުވެފަ އެވެ. ނަމަވެސް އެމެރިކާ އިން ވަނީ މިހާރު ވެސް އީރާނަށް އިންޒާރު ދީފަ އެވެ.

ޔަމަނާއި ސައޫދީގެ ކުރިމަތިލުމުގެ ތެރެއަށް ވަދެފި ނަމަ އީރާނާ ދެކޮޅަށް އެމެރިކާ ނުކުންނާނެ ކަމުގެ އިންޒާރު އެ ވަނީ ދީފަ އެވެ.