ވިޔަފާރި

ގެސްޓްހައުސް ކޮންފަރެންސް ފަށައިފި

ޕެރަޑައިސް އައިލެންޑް ރިސޯޓު: މުހައްމަދު އަފްރާހު
Sep 23, 2017

ރާއްޖޭގެ ގެސްޓްހައުސް ތަކަށް ހާއްސަކޮށް ބާއްވާ "މޯލްޑިވްސް ގެސްޓްހައުސް ކޮންފަރެންސް" ބާއްވައިފި އެވެ.

މޯލްޑިވްސް ގެޓަވޭސް އިން އިންތިޒާމުކޮށްގެން ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ ގެސްޓްހައުސް ކޮންފަރެންސުގައި 170 ގެސްޓްހައުސް އާއި 250 ޓްރެވަލް އެޖެންޓުން ބައިވެރިވި އެވެ.

ގެސްޓްހައުސް ކޮންފަރެންސް ފައްޓަވައި ދެއްވަމުން ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރ ސޯކޯ ނޯޑާ ވިދާޅުވީ ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ރާއްޖޭގެއަށް ގިނަ ފައިދާތަކެއް ކުރަމުންދާ ކަމަށާ، މީގެ ތެރޭގައި ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ރާއްޖޭގެ ވަކިވަކި ރަށްރަށަށް ލިބޭ މަންފާ ހިމެނޭ ކަމަށެވެ. މީގެ އިތުރުން މި ވިޔަފާރީގެ ސަބަބުން ތިމާވެއްޓަށް އާއްމުންގެ ހޭލުންތެރިކަން އިތުރުވަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ގެސްޓްހައުސް ކޮންފަރެންސުގެ މެއިން ސްޕޮންސާގެ ހައިސިއްޔަތުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ އެ ކުންފުނިން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާ ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ގެސްޓްހައުސްތަކަށް ހާއްސަ އިންޓަނެޓުގެ ހިދުމަތްތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ.

ގެސްޓްހައުސް ކޮންފަރެންސް ބާއްވަނީ، ގެސްޓްހައުސްތަށް ދުނިޔޭގެ އެންމެ ބޮޑު 10 ޓޫރިޒަމް ފެއާގައި ހިލޭ އިޝްތިހާރު ކުރަން ފުރުސަތު ދޭ ގޮތަށެވެ. މި ފެއާގައި ބައިވެރިވާ ގެސްޓްހައުސްތައް އައިޓީބީ އާއި ޑަބްލިއުޓީއެމް އަދި އިންޑިޔާގެ އޯޓީއެމް އާއި އެރެބިއަން ޓްރެވަލް މާޓު ފަދަ ފެއާތަކުގައި އިޝްތިހާރު ކުރާނެ އެވެ.

ރާއްޖޭގެ ގެސްޓްހައުސް މާކެޓަށް އަންނަ ޓޫރިސްޓުންގެ އަދަދު 2020 ވަނަ އަހަރުގެ ނިޔަލަށް ފަސް ލައްކަ ޓޫރިސްޓުންނަށް އިތުރު ކުރުމަށް ބާއްވާ މި ކޮންފަރެންސް އަންނަ އަހަރު ޓްރެވަލް ފެއާއެއްގެ ގޮތުގައި ބާއްވަން ވަނީ ނިންމާފަ އެވެ.