އަލިފާން

ގެއެއްގައި އަލިފާން ރޯވެ ގެއްލުންތައް ވެއްޖެ

ހެންވޭރު ސިޓީ ބޭކަރީ ކައިރީގައި ހުރި ގެއެއްގައި އަލިފާން ރޯވެއްޖެ ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ. އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. މިރޭ އަލިފާން ރޯވެފައިވަނީ ހ. ފަހާގޭގަ އެވެ.

ފަހާގޭގައި އަލިފާން ރޯވުމާ ގުޅިގެން ސިފައިންގެ ފަޔާ ފައިޓަރުންގެ ޓީމްތައް އަލިފާން ނިއްވާލުމަށް ވަރަށް އަވަހާ ހަރަކާތްތެރިވެ މިހާރު ވަނީ އަލިފާން ކޮންޓްރޯލްކޮށްފަ އެވެ. އަލިފާން ކޮންޓްރޯލް ކުރީ 9:15 އެހާކަންހާއިރު އެވެ.

އެގޭގެ ތިން ވަނަ ފްލޯގައި ރޯވެ އަނދަމުން ދިޔައިރު އެ އިމާރާތުގެ އެހެން ބުރިތަކުން މީހުން ހުސް ކުރަމުގެ މަސައްކަތް ވެސް ސިފައިން ކުރިޔަށް ގެންދިޔަ އެވެ. ދިހަ ބުރިއަށް ހަދާފައިވާ ފަހާގޭގައި އަލިފާން ރޯވީ ކަރަންޓް ޝޯޓެއް ވެގެން ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.

ރޯވި އެޕާޓްމެންޓްގައި ދިރިއުޅޭ މީހަކު ބުނީ، ބެލެވޭ ގޮތުގައި އަލިފާން ރޯވެފައިވަނީ ޗާޖަށް ޖަހާފައިހުރި ސްޕީކަރެއް ޝޯޓުވެގެން ކަމަށެވެ.

އެގޭގެ އެކި ބައިބައަށް ވަދެފައިވާ ބޯ ދުންތައް ބޭރު ކުރުމުގެ މަސައްކަތް ވެސް ސިފައިން ގެންދަނީ ކުރަމުންނެވެ. މިހާރު ވަނީ އިމާރާތުގައި ދިރިއުޅޭ މީހުން އިމާރާތަށް ވަދެފަ އެވެ. އިތުރު އެއްވެސް ބުރިއަކަށް އަލިފާނުގެ އަސަރުކޮށްފައިނުވާއިރު ތިން ވަނަ ބުރީގެ ކޮޓަރިއަކާއި ސިޓިން ރޫމަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ވެފަ އެވެ.