ހަބަރު

ގިނައިން ފައިސާ ހިފައިގެން ފުރަން އުޅޭ މީހުން ދެނެގަންނަން ކުއްތާ ބޭނުންކުރަނީ

ގިނަ އަދަދަކަށް ނަގުުދު ފައިސާ ހިފައިގެން އެއާޕޯޓުން ފުރަން އުޅޭ މީހުން ދެނެގަތުމަށް ކުއްތާގެ ބޭނުންކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާރަގެމައިގެ ތަމްރީން ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އުމަރު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހަމަލާ ދޭން ޖެހޭ އެންމެ މުހިންމު އެއްބަޔަކީ އެތަކެތި ރާއްޖެ އެތެރެ ކުރުމަށް ފައިސާގެ މުއާމަލާތްތައް ހިންގާ މީހުން ކަމަށާއި، އެ މީހުން ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގައި އެކުލެވޭ ފައިސާ ގިނަ ފަހަރަށް ރާއްޖެއިން ބޭރަށް ގެންދާ ވަކި ބަޔަކު ތިބޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ގިނަ އަދަދެއްގެ ނަގުދު ފައިސާ ހިފައިގެން އެއާޕޯޓާއި ޕޯޓްތަކުން ދަތުރުކުރާ ނަމަ، މިހާރު ގެނެސްފައިވާ ކުއްތާތަކަށް އެކަން ދެނެގަނެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އެ ގާބިލްކަން މި ކުއްތާތަކަށް ލިބިފައި ވަނީ. މަސްތުވާތަކެތި އެތެރެކޮށްފާނެ ކޮންމެ މީހެއްގެ އަތުގައި ވެސް. އެކަމަކު އެ ގަންނަން ބޭނުންވާ ފައިސާ ނުގެންދާނެ ކޮންމެ ކޮންމެ މީހަކު. އެކަން ކުރާނީ ވަރަށް އިތުބާރު ކުރެވޭ އެބަޔަކު ވަރަށް އިތުބާރު ކުރާ މީހެއް. ކުއްތާތައް އަޅުގަނޑުމެން އެއާޕޯޓްގައި ވަރަށް އަވަހަށް ބައިތިއްބާނަން. އޭރުން އެތަކެތި ދެނެ ގަންނާނެ ގިނަ އަދަދަކަށް ނަގުދު ފައިސާ ހިފައިގެން ދާމީހުން،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތި ހޯދާ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުން ކުރަން ފެށުމުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި އެތަކެތި އެތެރެ ކުރާ މީހުންނަށް މިހާރު ވެސް ބޮޑު ސިހުމެއް ލިބިފައިވާ ކަމަށެވެ. ފާރަގެމައެއް އުފެއްދުމަކީ ނުވާނެ ކަމެއް ކަމަށް ބައެއް މީހުން ބުނަމުން ދިޔަކަށް ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވީ ކުއްތާތައް އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި އިތުރު 16 ކުއްތާ ގެންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެތަކެތި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވާނެ އެވެ. އަދި ކުއްތާތަކުގެ ގާބިލްކަން އިތުރު ކުރުމުގެ ގޮތުން ގޮވާތަކެއްޗާއި ހަތިޔާރު ފަދަ ތަކެތި ދެނެގަނެވޭނެ ފެންވަރަށް އެތަކެތި ތަމްރީން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން ހާއްސަކޮށް ބަނދަރުތަކުން ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހުއްޓުމަކަށް ގެނެވޭނެ. އެކަމަށް ހުރި ނިޒާމްތައް ހަރުދަނާވެ ރާއްޖެ އެތެރެ ކުރެވޭ މަސްތުވާތަކެތީގެ މިންވަރު ހުއްޓުވޭނެ،" އުމަރު ވިދާޅުވި އެވެ.

ކުއްތާ ބޭނުންކޮށްގެން މަސްތުވާތަކެތި ހޯދި ނަމަވެސް، އަދި އެ ހިސާބުން މައްސަލަ ހައްލުވީ ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުއްތާތައް ބޭނުންކޮށްގެން ހިންގާ އޮޕަރޭޝަންތަކުގައި އެންމެ މުހިންމު ކަމެއް ދޭންވީ އަތުލައި ގަނެވޭ މަސްތުވާތަކެތީގެ ވެރިފަރާތަކީ ކޮބައިކަން ދެނެގަންނަން ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ކުރެވޭނީ މަސްތުވާތަކެއްޗާ ގުޅިފައިވާ މީހުންނަކީ ކޮންބައެއްކަން ހޯދައި އެ މީހުންގެ މައްސަތައް ޝަރީއަތަށް ގެންގޮސް އަދަބު ދެވިގެންނެވެ.