ހަބަރު

ނަޝީދު ޖަލުގައި ހުންނެވީ ތިންބޭފުޅަކާއެކު އެޕާޓްމެންޓެއްގައި: އުމަރު

Apr 23, 2015
1

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ ތޮލްހަތު އިބްރާހިމް ކަލޭފާއިނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް އައްސޭރި ޖަލުގައި ތިއްބަވަނީ އެކުގައި ކުޑަ ގޮޅިއެއްގައި ނޫން ކަމަށާއި ތިން ބޭފުޅަކާއެކު ރައީސް ނަޝީދު ހުންނަވަނީ  ބޮޑު އެޕާޓްމަންޓެއްގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ޖަލު ހުކުމް އައި ދުވަހުން ފެށިގެން މިހާތަނަށް ވެސް ދޫނިދޫގައި ބަހައްޓާފައި ހުންނެވީ މިނިސްޓަރު އެކަމަށް އެދި ވަޑައިގަތުމުން ކަމަށާއި އައްސޭރި ޖަލަށް ބަދަލު ކުރީ އެ ޖަލުގެ އަރިމަތީގައި ފެންވަރު ރަނގަޅު ބޮޑު އެޕާޓްމަންޓެއް ހުރުމުން ކަމަށެވެ. އަދި ހުކުމް ތަންފީޒުން ކުރުމަކީ ކަރެކްޝަނަލް ސާވިސްގެ ޒިންމާއަކަށްވާތީ ކަމަށެވެ.

"ރައީސް މުހައްމަދު ނަޝީދު އައްސޭރި ޖަލުގައި ހުންނެވީ އެހެން ހަތަރު ބޭފުޅަކާއެކު ކުޑަ ގޮޅިއެއްގައި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް، އެއީ ގޮޅިއެއް ނޫން،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ފުރިހަމަ އެޕާޓްމެންޓެއްގައި ތިން ބޭފުޅަކާއެކުގައި ކަމަށާއި އެ ތިން ބޭފުޅުން އަވަހަރާފުޅު ލައްޕަވަނީ  30 ފޫޓު 20 ފޫޓުގެ ކޮޓަރިއެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެ އެ ޕާޓްމަންޓްގައި ޓީވީ ބަލާ ތަނަކާއި ކާ ބަޔަކާއި ބަދިގެ އާއި  ބޮޑު ސިޓިން ރޫމެއް ހުންނާނެ ކަމަށާއި އަދި ނުކުމެ ހިނގާ ބިނގާ އުޅެވޭ ގޮތަށް ޖޯލިފަތިލާފައިވާ ބޮޑު ޔާޑެއް ވެސް އޮންނާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ނުހައްގުން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި  ރައީސް ނަޝީދު ޖަލުގައި ހުންނަވާއިރު ދޭންޖެހޭ އިހުތިރާމާއި ގަދަރު ދެމުން އަންނަ ކަމަށެވެ.