ވިޔަފާރި

ފުރަތަމަ ހޮލިޑޭހޯމް ގެސްޓްހައުސް "ވެލިވިލާ" ހުޅުވައިފި

ދިއްފުށިން : މުހައްމަދު އަފްރާހު
Sep 24, 2017

އާއިލާ އާއި ރަހުމަތްތެރިންއެކުގައި ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް ތަރައްގީ ކުރި ފުރަތަމަ ގެސްޓްހައުސް "ވެލިވިލާ" ރޭގައި ހުޅުވައިފި އެވެ.

ދިއްފުށީ ވެލިވިލާ ގެސްޓްހައުސް ހުޅުއްވައި ދެއްވީ މި ގެސްޓްހައުސްގެ އޯނަރުގެ ކަމަށްވާ ކުރީގެ ލަވަކިޔުންތެރިޔާ އަހުމަދު މިދުހަތު (މިއްޑެ) ގެ އަނބިކަނބަލުން އައިމިނަތު ޒީނާ ޒާހިރު އެވެ.

ދިއްފުށީގައި ހުރެ މިއްޑެ "އަވަސް" އަށް ވިދާޅުވީ ހޮލިޑޭހޯމް ސްޓައިލަށް މި ތަން ހަދަން ނިންމީ، ރާއްޖެ އަށް މުޅިންއާ ކޮންސެޕްޓަކަށް ވުމުން ކަމަށެވެ.

"ވަރަށް ބޮޑަށް ބަލާފައި މިތަން [ވެލިވިލާ] ހުޅުވީ. ދެ އަހަރުވެއްޖެ މި ވިސްނުމުގައި މަސައްކަތް ކުރާތާ،" މިއްޑެ ވިދާޅުވި އެވެ.

ޖުމްލަ ހަތަރު ކޮޓަރިއާއެކު ވެލިވިލާ ހަދާފައިވަނީ އާއިލާ / ރަހުމަތްތެރިންގެ ގްރޫޕުތައް އެއްކޮށް ގޮސް ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށެވެ. މޫދު ފެންނަ ގޮތަށް ހިތްގައިމުކޮށް ފުރިހަމަ އަށް ފަރުމާކޮށްފައިވާ ވެލިވިލާގައި ހޮލިޑޭ ހޯމް އަކުން ލިބޭނެ ހުރިހާ ހިދުމަތް ތަކެއް ލިބެން ހުރެ އެވެ.

"މިތަން [ވެލިވިލާ] ފަރުމާކުރުމުގައި ބެލީ ޕްރައިވެސީ ލިބޭ ގޮތަށް އާއިލާއެއްކޮށް އައިސް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ގޮތަށް. ދިވެހިންނަށް ވެސް މި ތަން ދޫކުރާނެ،" މިއްޑެ ވިދާޅުވި އެވެ.

ވެލިވިލާ ގެސްޓްހައުސް ހަދާފައިވަނީ މި ތަނަށް ޗުއްޓީ ހޭދަކުރަން އަންނަ މީހުންނަށް ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ވެސް ހުންނަ ގޮތަށެވެ. މިތަނުގައި މޫދު ކުޅިވަރުގެ ވަސީލަތްތައްވެސް ގާއިމްކޮށްފައިވެ އެވެ.