ވިޔަފާރި

ޗައިނާގެ ލަކީ އެއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

ޗައިނާގެ ބެޖެޓު އެއާލައިން "ލަކީ އެއާ" ގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ޕީއެސްއެމްއަށް ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ ބަޖެޓު އެއާލައިނެއް ކަމަށްވާ ލަކީ އެއާއިން އުދުހެން ފަށާނީ ރާއްޖެއާއި ޗައިނާގެ ކުންމިންއާ ދެމެދު އެވެ. މި ދަތުރުތައް ފަށާނީ ޖެނުއަރީ މަހު އެވެ.

ލަކީ އެއާއަކީ ޗައިނާގެ ހައިނާން އެއާލައިން ގްރޫޕުގެ އެއާލައިން އެކެވެ. ދެހާސް ހަވަނަ އަހަރު ދަތުރުތައް ފަށާފައިވާ މި އެއާލައިންގައި 38 މަތިންދާ ބޯޓު އޮވެ އެވެ. އަދި މި އެއާލައިންއަކީ ޗައިނާގެ 60 ސިޓީއަކަށް އުދުހެމުންދާ އެއާލައިން އެކެވެ.

ސަރުކާރުން ވަނީ މިއަހަރުގެ ފަހުކޮޅާއި އަންނަ އަހަރުގެ ކުރީކޮޅު އާ އެއާލައިންތަކެއްގެ އުދުހުންތައް ރާއްޖެއަށް ފަށާނެ ކަމަށް ބުނެފަ އެވެ. މިގޮތުން އެއާފްރާންސް ވެސް ހިމެނެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއަށް ރާއްޖޭން މިހާރު އުދުހުންތައް ބާއްވަނީ ގައުމީ އެއާލައިން މޯލްޑިވިއަން އެވެ. މި އެއާލައިންއިން ޗައިނާގެ ހަ ސިޓީއަކަށް ދަތުރު ކުރެ އެވެ.