ހަބަރު

އެޗްއާރްސީއެމްގެ ޓީމެއް އައްސޭރި ޖަލަށް ގޮސް ނަޝީދާ ބައްދަލުކޮށްފި

Apr 23, 2015

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ޓީމެއް ހިންމަފުށީ އައްސޭރި ޖަލަށް ޒިޔަރާތްކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކޮށްފި އެވެ.

އެޗްއާރްސީއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އައްސޭރި ޖަލަށް ކުއްލި ގޮތަކަށް ބަދަލު ކުރުމާ ގުޅިގެން އެ ކޮމިޝަނުގެ ޓީމަށް އިއްޔެ އައްސޭރި ޖަލަށް ގޮސް ރައީސް ނަޝީދާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ދަތުރުގައި ޖަލުގެ ހާލަތު ބަލައި ވަޒަންކޮށްފައިވާ ކަމަށެވެ.

"މީގެ ކުރިން ރައީސް ނަޝީދުގެ ހުކުމް ތަންފީޒު ކުރަން ގެންދާ ގޮތަށް އޮތީ މާފުށީ ޖަލަށް. އެހެންވެ އަޅުގަނޑުމެން ވާނެ ކުރިން މާފުށީ ޖަލުގެ ހާލަތު ބަލާފައި ނަމަވެސް ކުއްލި ގޮތަކަށް އައްސޭރި ޖަލަށް ބަދަލު ކުރުމުން އެތަން ބަލައި ހާލަތު ވަޒަން ކުރަން ދިޔައީ. އަޅުގަނޑުމެން އިއްޔެ ރައީސް ނަޝީދާ ވެސް ބައްދަލު ކުރިން،" އެޗްއާރްސީއެމްގެ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ ދަތުރާ ބެހޭ ތަފުސީލްތައް އެޗްއާރްސީއެމުން ފަހުން އާންމު ކުރާނެ ކަމަށެވެ.