ހަބަރު

މެއި 1 ގެ ހަރަކާތުގައި ޖަމްއިއްޔާތައް ބައިވެރިވާން ގޮވާލައިފި

Apr 23, 2015

އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން އަންނަ މެއި މަހުގެ ފުރަތަމަ ދުވަހު ބާއްވާ ބޮޑު އެއްވުމުގައި މަދަނީ ޖަމްއިއްޔާތަކުން ބައިވެރިވާން ގޮވާލައިފި އެވެ.

އިދިކޮޅު ތިން ޕާޓީ ކަމަށްވާ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް ވިދާޅުވީ މެއި މަހުގެ ފުރަތަމަ ދުވަހު ބާއްވާ އެއްވުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ހޯދުމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ބާއްވާ އެއްވުމަކަށް ވާތީ އެ އެއްވުމުގައި މަދަނީ ޖަމްއިއްޔާތަކުން ބައިވެރިވާން އެދޭ ކަމަށެވެ. އެފަދަ ފަރާތްތަކުން ބައިވެރިވާ ނަމަ އެއީ އެ ހަރަކާތަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ އެ ހަރަކާތަކީ ސިޔާސީ ޕާޓީތަކުން އިންތިޒާމް ކުރާ ހަރަކާތެއް ނަމަވެސް އެ ހަރަކާތަކީ އިންސާފާއި ހަމަހަމަ ކަމަށް ގޮވާލާ ހަރަކާތްތަކަށް ވާތީ އެ ހަރަކާތުގައި ޖަމްއިއްޔާތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ދެކޭ ކަމަށެވެ. އަދި އެކަމަށް ހުރަސް އެޅޭނެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ޖަމްއިއްޔާތަކުން އެބަ ވިދާޅުވޭ ތިއީ ސިޔާސީ ހަރަކާތެކޭ އެހެންވީމާ ބައިވެރިނުވެވޭނެއޭ، އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުން މިއީ ގައުމީ ހަރަކާތެއް، ޚާއްސަކޮށް މަސައްކަތްތެރިން ވެސް ވަޒީފާގެ ބިރުވެރިކަމާއި ގެއްލިގެންދާ ވަރަށް ގިނަ ހައްގުތަކެއް ހިމާޔަތްކުރަން ކުރާ މަސައްކަތްތަކެއް ކަމަށްވާއިރު ޖަމްއިއްޔާތަކަށް މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭނެ ބައެއް." ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ޖަމްއިއްޔާތަކުން އެ ހަރަކާތުގައި ހިމެނޭ ޕާޓީތަކާ ގުޅައިގެން އެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި މިހާތަނަށް ބައެއް ޖަމްއިއްޔާތަކުން އެ ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ ގާނޫނު އަސާސީގައި ސިޔާސީ ޕާޓީތައް ހެދުމުގައި މިނިވަންކަމާއި ޖަމްއިއްޔާ ހެދުމުގެ މިނިވަން ލިބިދެނީ އެއް މާއްދާއަކުން ކަމަށާއި އެހެންވެ އެ ހަރަކާތްތަކުގައި ޖަމްއިއްޔާތަކަށް ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ ހަރަކާތުގައި ޖަމްއިއްޔާތައް ބައިވެރިވުން މަނާކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.