ހަބަރު

މަޖިލިސް ހުއްޓުވަން އުޅެނީ ބޭރަށް ދައްކާނެ ފޮޓޯ ހޯދަން: ނިހާން

އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަން މަސައްކަތް ކުރަނީ ބޭރުގެ ގައުމުތަކަށް ދައްކާނެ ފޮޓޯތަކެއް ހޯދަން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނިހާން ރޭ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން މިނިވަން ކުރުމުގައި މަޖިލީހަށް ކުރެވޭނެ ކަމެއް ނެތް ކަން އެނގޭ އިރުވެސް "ރައްޔިތުންނަށް ޓަކައި" ކަމަށް ބުނެ އެމްޑީޕީގެ މެންބަރު މަޖިލިސް ހުއްޓުވަން މަސައްކަތް ކުރަނީ، ނަން އިއްވައި މަޖިލީހުގެ ތެރެއިން އެ މެންބަރުން ގަދަކަމުން ނެރޭ ފޮޓޯތައް އާންމު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އަދި އޭގެ ބޭނުމަކީ ޕީޕީއެމްގެ މެޖޯރިޓީ އިން އިދިކޮޅު ފަރާތްތަކަށް ބަސް ބުނުމުގެ ފުރުސަތު ނުދޭކަމަށް ބޭރު ދުނިޔެއަށް ދެއްކުން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ނަމަވެސް އެއަށް ވުރެ މަޖިލީހުގެ ރިޔާސަތު މާ ވިސްނުންތޫނު ކަމަށް ވެސް ވިދާޅުވި އެވެ.

"އެބޭފުޅުންނަކީ ފޮޓޯގެ މާބޮޑު ބައެއް. ގަދަކަމުން މަޖިލީހުން ނެރޭ ފޮޓޯތައް އައިޕީޔޫ އާއި ކޮމަންވެލްތް ތަންތަނަށް ފޮނުވައިގެން ބަސް ބުނަން ފުރުސަތެއް ނޯންނަކަން ދެއްކުން މީގެ ބޭނުމަކީ. އެކަމަކު އެބޭފުޅުން އެ ބޭނުންވާ ގޮތަށް ކަންވިޔަކަ ނުދޭނަން. އެބޭފުޅުން އެހެން އުޅެ އުޅެ ހާވިޔާވަމުން އެ ދަނީ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ކުރާ އިހުތިޖާޖަކީ ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫންކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި އެ އިހުތިޖާޖްތަކުގައި ދުންމާރި އާއި މެގަ ފޯން ފަދަ ތަކެތި ނުވެއްދޭ ގޮތަށް ހަދަން ޖެހުނީ އެތަކެއްޗަކީ ހަމަލާދިނުމަށް ވެސް ބޭނުން ކުރެވިދާނެ ފަދަ ތަކެތި ކަމުގައި ވާތީ ކަމަށެވެ. ނިހާން ވިދާޅުވި ގޮތުގައި ކޮންމެ މެންބަރަކަށް ވެސް އެ މެންބަރަކު ބޭނުން ހިޔާލެއް މަޖިލީހުގެ ފާޅު ކުރުމަށް ޕީޕީއެމް އިން ދުވަހަކު ވެސް ހުރަސް ނާޅާ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި އެ ފުރުސަތު އޮއްވައި މަޖިލީހުގެ ނިޒާމު ގެއްލުވާލައި އެކި ކަހަލަ މަޖިލީހާ އެކަށީގެން ނުވާ އަމަލުތައް ހިންގުމަކީ އުސޫލެއް ކަމަށް ގަބޫލު ނުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ކޯލިޝަންގެ މެންބަރުން މަޖިލީހުގެ ކުރަމުން އަންނަނީ ރައްޔިތުންނަށް ބޭނުންތެރި މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

"މިސާލަކަށް ބައްލަވައި ޑިއުޓީ ބޮޑުކުރުމުގެ ކަންކަން ވެސް އަޅުގަނޑުމެން މި ނިންމީ. އެލަވަންސްތަކާއި މުސާރަތަކުގެ ކަންތައްތައް ވެސް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ރައްޔިތުންނަށް ފައިދާވާ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް އެބަދޭ. މިހާ މުހިންމު ކަންކަން ކުރަމުން ދަނިކޮށް ކަންފަތުގައި މެގަ ފޯން ޖައްސައިގެން ކޮންމެ ކަމެއް ކުރިއަސް އަޅުގަނޑުމެން އެ މަސައްކަތްތައް ކުރާނެ،" ނިހާން ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އިދިކޮޅު މެންބަރުން މަޖިލީހުގައި އެފަދަ އަމަލުތައް ހިންގަނީ ރައްޔިތުންނަށް ޓަކަ އެވެ. ނަމަވެސް އެއީ ބޭރުގެ ފަރާތްތަކަށް ކޮށްދޭ ކަންތައްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ކަންކަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަސްކޮށްދެއްވި ކަންކަން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އަދި ސިފައިން ބޭނުންކޮށްގެން މަޖިލީހުގެ މެންބަރުން ގަދަކަމުން ޗެމްބަރު ނެރެފައި ހުރީ އެމްޑީޕީގެ އަގުލަބިއްޔަތު އޮތް އިރު ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމްގެ މެޖޯރިޓީއެއް އޮންނަ އިރު އެފަދަ އަމަލުތައް ނުހިންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.