ހަބަރު

ގާސިމްގެ ފަރުވާއަށް އިތުރު ފަސް ދުވަސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސް ފަރުވާއަށް އިތުރު ފަސް ދުވަހު ސިންގަޕޫރުގައި ހުރުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަހިކޮށް ދީފި އެވެ. ކަރެކްޝަންގެ މީޑިއާ ޔުނިޓުގެ އޮފިސަރަކު "އަވަސް" އަށް ވިދާޅުވީ ގާސިމް ބޭސަ ފަރުވާގެ މުއްދަތު ހަމަވުމާ ގުޅިގެން މާދަމާ އިން ފެށިގެން އިތުރު ފަސް ދުވަހުގެ މުއްދަތެއް ދޭން އެ ސާވިސް އިން ނިންމާފައިވާ ކަމަށެވެ.

ކަރެކްޝަން އިން މިހެން ނިންމާފައިވީ ނަމަވެސް ގާސިމްއަށް ޑޮކްޓަރު ދިން ލިޔުމުގައި ބުނެފައިވާ ގޮތުން ގާސިމްގެ ބޭސްފަރުވާއަށް ތިން މަސް ދުވަހުގެ މުއްދަތެއް ބޭނުންވެ އެވެ.

ހިތުގެ ބައްޔަކަށް ފަރުވާ ކުރައްވަމުން ގެންދަވާ ގާސިމް ދާދި ފަހުން ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކުރައްވާފަ އެވެ. ނަމަވެސް އެއަށް ފަހު އިއްޔެ ރާއްޖޭ ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން ޑޮކްޓަރުން މަޑު ކުރަން ލަފާދީފައި އޮތުމުން އޭނާ ފްލައިޓަކަށް ނާރުވަ އެވެ.

ރިޝްވަތުގެ މައްސަލާގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ހުކުމް އައިސްފައިވާ ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން ފުރަތަމަ ދިނީ 10 ދުވަހުގެ މުއްދަތެކެވެ. ނަމަަވެސް އެ މުއްދަތުގެ ތެރޭގައި ބޭސްފަރުވާ ނުކުރެވޭތީ އިތުރު 10 ދުވަސް ވެސް އެ ސާވިސްއިން ދިނެވެ.