ހަބަރު

ބްރިޖް އަޅާ ސަރަހައްދު ކަނޑުއަޑިން 29 ތަނެއް ތޮރުފާނެ: މިނިސްޓަރު

ބްރިޖް މަސައްކަތް ފެށުމަށް މިހާރު ކުރާ ސާވޭގެ ތެރެއިން، ބްރިޖް އަޅަން ނިންމާފައިވާ ސަރަހައްދުގެ ކަނޑުއަޑިން 29 ތަނެއް ތޮރުފާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބޯހޯލްތައް ހަދަނީ 50 މީޓަރުގެ ފުނަށް ކަނޑު އަޑި ތޮރުފައިގެން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު މިހާރު މާލެ އައުމުގެ މަގުމަތީގައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ 29 ތަން ތޮރުފަނީ ބްރިޖް އަޅަން ނިންމާފައިވާ ދިމާލުން ކަނޑުގެ އަޑިން،" މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ބްރިޖް ސާވޭގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ބްރިޖް އަޅާ ސަރަހައްދުގައި ރާޅުގެ ބާރު މިން ހުންނަ މިންވަރާއި އެކަމާ ގުޅޭ އެހެން މައުލޫމާތު އެއްކުރުމުގެ ސާވޭ އެއް މިއަދު ކޮށްފައިވާ ކަމަށެވެ. އަދި ބްރިޖް ޑިޒައިން ކުރުމަށް އެއްކުރަން ޖެހޭ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް ރޭވިފައިވާ ބާރު މިނުގައި ކުރިއަށް ދާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

ބްރިޖްއެޅުމަށް ސާވޭ ކުރުމަށް މާލެ އާއި ހުޅުލެއާ ދެމެދު ސަރަހައްދުގެ ބޮޑު ބައެއް ވަނީ ބަންދުކޮށްފަ އެވެ. ބްރިޖް ޑިޒައިންގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައިވާ ބްރިޖް މަޝްރޫއު މިއަހަރު ނިމުމުގެ ކުރިން ފެށުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.