ވިޔަފާރި

ދިއްލައިގެން އެން ދެމުމުން އެންވެރިކަން ހީނަރުވަނީ

Apr 23, 2015

އަލިގަދަ ލައިޓް ދިއްލައިގެން މަސްވެރިން އެން ދަމަމުން ދާތީ، އެން ވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ފިޝަމަން އެސޯސިއޭޝަނުން ބުނެފި އެވެ.

މަސްވެރިންނަށް އެކި ދާއިރާތަކުން އެހީވުމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އާއިއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް މިފްކޯ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފިޝަމަން އެސޯސިއޭޝަންގެ ރައީސް މައިޒާން އަހުމަދު މަނިކު (އަންމަދޭ) ވިދާޅުވީ ހައި ވޮލްޓޭޖް ލައިޓް ދިއްލައިގެން އެން ދެމުގެ ސަބަބުން އެންވެރިކަން "ހަލާކުވާ" ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ރައްކާތެރިވާންޖެހޭ އެންވެރިކަމާ ދޭތެރޭ. މަތީ ވޮލްޓޭޖް ގެ ލައިޓްތައް ދިއްލައިގެން މިހާރު އެން ހިފަމުން މިދަނީ. ބޮޑެތި ބޮކި ދިއްލާލީމަ މި ވާގޮތަކީ ކުދި އެން ނެތިގެން ދަނީ. އަނެއް ދުވަހު ދާއިރު މަސް ބާނަން ގެންދާނެ އެމެން ނުލިބޭ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރިން އާއްމު ގޮތެއްގައި ދިލައިގެން އެން ދެމުމަށް ބޭނުން ކުރަނީ ތިން ކިލޯ ވޮޓްގެ ލައިޓްތައް ކަމަށާއި، މިކަމުން އެންވެރިކަމަށް ގެއްލުންވާ ކަމަށެވެ.

"އަޅުގަނޑުމެން ބާއްވާ ތަމްރީންތަކުގައި އެކަމަށް މިދަނީ ކިޔައިދެމުން. އެހެންވެ މިހާރު ކޮންމެ ވެސް ވަރަކަށް ދިއްލުމަށް ބޭނުންކުރާ ލައިޓުތައް ދަނީ ދަށް ކުރަމުން. ބައެއް ދޯނި ފަހަރުގައި ދެ ކިލޯ ވޮލްޓްފެ ބަދަލު ކުރަމުން،" އަހުމަދު ވިދާޅުވި އެވެ.