ހަބަރު

އަންހެން ދަރިފުޅާ ބެހުނު މީހަކު 20 އަހަރަށް ޖަލަށް

Apr 23, 2015

އަމިއްލަ ދަރިފުޅާ ބެހުނު މީހަކު 20 އަހަރަށް ޖަލަށްލާން އުތުރުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން ހުކުމްކޮށްފި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އެ މީހާ ބެހިފައި ވަނީ އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅާ އެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެކަން ފަޅާއެރީ އެ ކުއްޖާއާ އެކު އެ އަމަލު ހިންގަމުން ދަނިކޮށް އެ މީހާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް ފެނުމުންނެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރުމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އެ މީހާ 20 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމްކުރީ މިއަދު އެވެ.

އެ ގާނޫނު ބުނާގޮތުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ބެހިއްޖެ ނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ.