ހަބަރު

އަލްގީންގެ ޝަރީއަތް އާދިއްތަ ދުވަހު ބާއްވަން ތާވަލްކޮށްފި

Apr 23, 2015

ރައީސް އަބްދުﷲ ޔާމީންގެ ކޮއްކޯފުޅު އަބްދުﷲ އަލްގީންގެ މައްޗަށް ކުރާ ޚިޔާނާތުގެ ދައުވާގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބާއްވަން ހައި ކޯޓުން ތާވަލްކޮށްފި އެވެ.

މިހާރު ޑެޕިއުޓީ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވި އަލްގީންގެ މައްޗަށް ޚިޔާނާތުގެ ދައުވާކުރަނީ އޭނާ މީޓިއޮރޮލޮޖީގެ ޑިރެކްޓަރަކަށް ހުންނެވިއިރު ސަރުކާރަށް ލިބެންޖެހޭ ފައިސާތަކެއް އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ހުކުމް ކުރުމުން އެ މައްސަލައިގެ އިސްތިއުނާފް ކުރީ ދައުލަތުންނެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްތާ ދެ އަހަރު ވާން ގާތްވެފައި ވަނިކޮށް މިދިޔަ ހަފުތާގައި އަޑުއެހުމެއް ބާއްވަން ތާވަލްކުރި ނަމަވެސް އިދާރީ ސަބަބުތަކާ ހެދި އެ އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ. މިހާރު ތާވަލްކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ 2:00 ގައި އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށެވެ.

ޑިސެމްބަރު، 2012 ގައި ހައި ކޯޓަށް ފޮނުވި އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގޮސް ހުއްޓުނީ އޭރު އެ މައްސަލަ ބައްލަވަމުން ގެންދެވި އެ ކޯޓުގެ އިސްފަނޑިޔާރު އަހުމަދު ޝަރީފް އަލީ ސަސްޕެންޑް ކުރުމުންނެވެ.

ދައުލަތުގެ ދައުވާގައިވާ ގޮތުން ޖަޕާނުގެ ކުންފުންޏަކުން ރާއްޖޭގައި ހިންގި މޫސުމާ ބެހޭ މަޝްރޫއުތަކަކަށް ފަހު ސަރުކާރަށް ލިބެންޖެހޭ 2.2 މިލިއަން ރުފިޔާ އަލްގީން ވަނީ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށްފަ އެވެ. އެ ފައިސާ ނެގި ކަމަށް އަލްގީން އެއްބަސްވި ނަމަވެސް އޭނާ ވިދާޅުވެފައިވަނީ އެ ފައިސާއަކީ އޭނާއަށް ލިބެންޖެހޭ ފައިސާތަކެއް ކަމަށެވެ.

ގާނޫނުލް އުގޫބާތު ބުނާގޮތުން ޚިޔާނާތްތެރިވާ ފައިސާގެ އަދަދު 10،000ރ. އަށް ވުރެ މަތިވާ ނަމަ އިތުރުވާ ކޮންމެ 1،000ރ. އަކަށް އެއް މަސް ދުވަހުގެ މުއްދަތެއް ހުކުމުގެ ތެރެއަށް އިތުރުވަމުންދާނެ އެވެ. އެހެންކަމުން އެ ކުށް ސާބިތުވެއްޖެ ނަމަ އަލްގީން އުމުރަށް ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމްކުރާނެ ކަމަށް ބެލެވެ އެވެ.